މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް
މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މަޖިލީހަށް ހޮވީ، ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގެ ކަމިޝަން އެޖެންޓަކަށްވާކަށް ނޫންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޗެއަރޕާސަންގެ ކެމްޕޭންގައި އިމްތިޔާޒު ފަހުމީއަށް ތާއީދުކޮށް އައްޑޫގައި ބޭއްވި ބައްދަލުވުމެއްގައި، އެ ސިޓީއަށް މި ސަރުކާރުން އެއްވެސް ވަރަކަށް އަޅާނުލައި އެސިޓީ ހިންދާލުމަށް މަސައްކަތްކުރާކަމަށް މެންބަރު އިލްޔާސް ލަބީބް ވަނީ ތުހުމަތު ކުރައްވާފައެވެ.

އަދި، ސަރުކާރުން ފަށަން ބުނި އެތައްކަމެއް ކުރިޔަށް ނުދާކަމަށް ވިދާޅުވެ ވަރަށް ތަފުސީލުކޮށް އެރޭ އިލްޔާސް ވާހަކަ ދައްކަވާފައިވެއެވެ. އެވާހަކަތަކަކީ ކެމްޕޭނަކަށް ދެއްކެވި ވާހަކައަކަށްވުރެ ސަރުކާރާ ދެކޮޅަށް ދެއްކި ވާހަކައެއްކަމަށް ގިނަބަޔަކު ވަނީ ސިފަކޮށްފައެވެ.

ސަރުކާރަށް އިލްޔާސް ކުރެއްވި ތުހުމަތާ ގުޅިގެން ފާޑުވިދާޅުވި އެއް ބޭފުޅަކީ މެންބަރު އަނދުން ހުސައިނެވެ. އަނދުން ޙުސައިންވަނީ، އައްޑޫގައި ސަރުކާރުން ހިންގަން ނިންމާފައިވާ 5000 މިލިއަން ރުފިޔާގެ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުނީގެ ލޯކަލް އެޖެންޓަކީ އިލްޔާސްގެ އާއިލީ ކުންފުނި ކަމަށް ވިދާޅުވެފައެވެ.

"އައްޑޫ އަތޮޅުގައި ރައީސް ޞާލިޙުގެ ސަރުކާރުން މިހިންގާ 5،000 މިލިއަނެއްހައި ރުފިޔާގެ މަޝްރޫޢު ހިންގާ އެފްކޯން ކުންފުނީގެ ލޯކަލް އެޖެންޓަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރުގެ އާއިލީ ކުންފުނި،" އަނދުން ޙުސައިން ވިދާޅުވިއެވެ.

އިލްޔާސަށް ރައްދު ދެއްވަމުން އަނދުން ހުސައިން އިތުރަށް ވިދާޅުވީ އިލްޔާސް ލަބީބަކީ ރައްޔިތުންގެ މަޖިލީހުން އެކުލަވައިލާފައިވާ އެސްއޯއީ ކޮމިޓީގެ މުޤައްރިރު ކަމަށެވެ. އަދި އެ މަޤާމުގައި އިންނަވައިގެން މަސައްކަތް ކުރަންވާނީ މަޝްރޫޢުތައް ދަމައިގަތުމަށާއި ބޭރުންއަންނަ ކުންފުނިތަކަށް ނުފޫޒު ފޯރުވުމާއި އަމިއްލަ ޖީބަށް ފައިދާވާގޮތަށް ކަންކަން ކުރުމާއި، ބްރޯ ހެދުމަށް ނޫންކަމަށް އަނދުން ޙުސައިން ވިދާޅުވިއެވެ.

އަނދުން ޙުސައިންގެ މި ތުހުމަތުތަކާއި ގުޅުވާ، އެމްއެންޕީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވެސްވަނީ އިލްޔާސް ލަބީބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، މަޖިލީހަށް އިލްޔާސް ހޮވީ، ރައްޔިތުންގެ ފަރާތުން ދައުލަތް ޖަވާބުދާރީ ކުރުވުމަށާއި، ރައްޔިތުންނަށް ފައިދާވާގޮތަށް ގާނޫނު ހެދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.



"އިލްޔާސް ލަބީބަށް ހުޅުދޫ ރައްޔިތުން ވޯޓުދީފައި މަޖިލިހަށް ފޮނުވީ ރައްޔިތުންގެ ފަރާތުން ދައުލަތް ޖަވާބުދާރީ ކުރުވުމަށާއި، ރައްޔިތުންނަށް ފައިދާވާގޮތަށް ގާނޫނު ހެދުމަށް. އައްޑޫގައި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކުގެ ކަމިޝަން އެޖެންޓަކަށް ވުމަކަށް ނޫން" އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

އަޙްމަދު ޝަރީފް، އިލްޔާސް ލަބީބަށް ފާޑުވިދާޅުވެފައި މިވަނީ ސަރުކާރަށް ތާއީދުކުރާ ގިނަބަޔަކު އިލްޔާސް ލަބީބުގެ ވާހަކަ ކުށްވެރިކުރަމުންދާ ދަނޑިވަޅެއްގައެވެ. އެފަރާތްތަކުން ބުނަނީ ސަރުކާރު ހިންގާ މައި ޕާޓީގައި ހުންނަވައިގެން، ސަރުކާރުން އައްޑޫއަށް ކަމެއް ކޮށްނުދޭ ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


7

އަދުނާންސަލާމް

25-Apr-2022

އަދުން ހުސެންގެ ކުންފުނި ސީރިއަސްއަށް ހޯދަމުން އަންނަ މަންފޯ މާބޮޑުވާނެ ފަނަކާއާއި އެމްޓީސީސީ އަދި އެނޫންވެސް ކުންފުނިތަކުން ލަދެއްހަޔާތެެއްނެތް ގޮވާ އަޅާއިރުދޯ ކޭވަރު އެގޭނީ ބިތުފަންގެ ނެގީމަ