ފަރެސްމާތޮޑާ އެއަރޕޯޓްގެ ރަންވޭ ބޮޑު ކޮށްދޭން ސަރުކާރުގައި އެދުމަށް ގދ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓަަކަށް ވުމާއެކު ރަންވޭގެ ބޮޑުމިނަކީ 1200 މީޓަރެވެ.

ގދ. އަތޮޅު ކައުންސިލުން މިކަމާއި ގުޅޭގޮތުން މަށްވަރާކުރުމަށްފަހު ނިންމީ އެއަރޕޯޓްގެ ރަންވޭ އިތުރަށް ބޮޑުކޮށްދިނުމަށް ސަރުކާރުގައި އެދުމަށެވެ. އެގޮތުން އެއަރޕޯޓް ރަންވޭއަށް އިތުރު 600 މީޓަރު އިތުރުކޮށް، ޖުމްލަ 1800 މީޓަރަށް ރަންވޭ ބޮޑުކުރުމަށް ސަރުކާރަށް ހުށައެޅުމަށް ކައުންސިލުން ނިންމާފައިވެއެވެ.

ފަރެސްމާތޮޑާގެ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. އެއަރޕޯޓް ހަދަނީ ރަށުގެ ފަޅުތެރޭގައި އޮތް ކުދި ފަޅުރަށްތަކެއް ހިއްކާ ގުޅުވާލައިގެންނެވެ. އެއަރޕޯޓް މަސައްކަތަށް 19.9ގެ ސަރަޙައްދެއް ހިއްކާފައިވެއެވެ.

ފަރެސްމާތޮޑާ އެއަރޕޯޓް މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްގެންނެވެ. މަޝްރޫޢުގެ ބޮޑުބައެއް މިހާރު ވަނީ މުޅިން ނިމިފައެވެ. އަދި މިހާރު ކުރަމުންދަނި ރަންވޭގައި ތާރުއެޅުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގައި ފަރެސްމާތޮޑާއާ އެއަރޕޯޓް ގުޅާލަނީ ކޯސްވޭއަކުންނެވެ. ކޯސްވޭގެ މަސައްކަތްތައްވެސް އަންނަ މަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަކީ ސަރުކާރުން 144 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.



ކިޔުންތެރިންގެ ހިޔާލު