އަހުމަދު މަސްނޫމް   24 އޭޕްރީލު 2022 - 20:46
އައްޑޫ ސިޓީން ބިން ހިއްކައިގެން އިތުރު 3 ރަށެއް އެސިޓީގެ ފަޅުތެރޭގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަމަށް ނެދަލޭންޑްސްގެ "ވެން އޯޑް" ކުންފުނިން ހާމަކޮށްފިއެވެ.

ނެދަލޭންޑްސްގެ "ވެން އޯޑް" ކުންފުންޏަކީ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏެވެ. މިއީ ގާތްގަނޑަކަށް ބިލިއަނެއްހާ ޑޮލަރުގެ މަޝްރޫއެކެވެ.

ނެދަލޭންޑްސްގެ ކުންފުނިން ބުނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އައްޑޫގެ ހިތަދޫ، މަރަދޫއާއި މަރަދޫފޭދޫއިން 194 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ ރަށްރަށުގެ ފަޅު ތެރެއިން އިތުރު 3 ރަށެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މީގެއިތުރުން 11 ކިލޯމީޓަރުގެ އެއްގަމު ތޮއްޓެއްލާ އެސަރަޙައްދު ޙިމާޔަތްކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

އައްޑޫ ސިޓީ ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދާ ކުންފުނިން ބުނީ މިމަސައްކަތްކުރާނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް ބަލައިގެން ކަމަށެވެ. އެގޮތުން މިމަޝްރޫޢުގެ ދަށުން ބިން ހިއްކަން ފެށުމުގެ ކުރިން އެސަރަޙައްދުގައި ދިރިއުޅޭ އެކި ދިރުންތަކާއި މުރަކައިގެ ބާވަތްތައް ރައްކާތެރިކަމާއެކު އެހެން ސަރަޙައްދުތަކަށް ބަދަލުކުރާނެ ކަމަށް އެކުންފުނިންވަނީ ބުނެފައެވެ.

ނަމަވެސް މިމަޝްރޫޢުގެ ސަބަބުން 21 ހެކްޓަރުގެ މުރަކައާއި 120 ހެކްޓަރުގެ މޫދު ވިނަ މައްޗަށް ވެލިއެޅި ނެތިގެންދާނެކަމަށް އީއައިއޭ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫޢާއި ގުޅިގެން ހަދާފައިވާ އީއައިއޭ ރިޕޯޓާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.

މިމައްސަލަ ހޫނުވެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓުވުމަށް އަމިއްލަ ފަރާތަކުންވަނީ މައްސަލަ ކޯޓަށްވެސް ހުށައަޅާފައެވެ. މިމައްސަލައާއި ގުޅިގެން ސަރުކާރުންވަނީ މިމަސައްކަތްކުރާނީ ރާއްޖޭގެ ތިމާވެއްޓަށް ވީހާވެސް ބޮޑަކަށް ގެއްލުން ކުޑަވާނެ ގޮތްތައް ބަލައިގެންކަމަށް ހާމަކޮށްފައެވެ..



ކިޔުންތެރިންގެ ހިޔާލު