--
--
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން ދަނީ ސަރުކާރުގެ ތެރޭގައި ތިބެގެން ބަގާވާތެއް ހިންގަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރާއިއެކު ތިބެވެން ނެތްކަމަށާއި އަދި އެމްޑީޕީ، މި ސަރުކާރުން އެއްފަރާތްވާން ޖެހޭކަމަށް ރައީސް ނަޝީދު ބުނެފައިވާކަމަށް މިއަދުވަނީ މީޑިއާގައި ރިޕޯޓުކޮށްފައެވެ. ރައީސް ނަޝީދުގެ އެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ދެ ފެކްޝަންގެ ތެރޭގައި ބަހުގެ ހަމަލާތައް ދިނުން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ނިހާދު މިއަދު ވިދާޅުވީ، ރައީސް ނަޝީދުގެ ފެކްޝަންގެ އެކަކުވެސް މި ސަރުކާރު ދިފާއުކޮށް ސަރުކާރުގެ ސިޔާސަތު ވިއްކަން މަސައްކަތް ނުކުރާކަމަށެވެ. އަދި އެކަން އެގޮތަށް ނުވެސް ކުރާނެކަމަށާއި އެކަމުގެ ހެކި މިހާރު ދަނީ ފެންނަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ސަރުކާރު ތެރޭގައި ތިބެ ސަރުކާރު ބަލިކަށިކޮށް ބަގާވާތެއް ހިންގަމުންދަނީ. މިކަންތައްތަކަށް އަވަސް ހައްލެއް ގެނައުމަށް ސަރުކާރަށް ގޮވާލަން " ނިހާދު މިއަދު ވިދާޅުވިއެވެ.



ރައީސް ނަޝީދުގެ ފެކްޝަނުން ސަރުކާރަށް ދަތިކުރަމުންދާކަމަށް ބުނެ ނިހާދު އިތުރަށް ވިދާޅުވީ، އެ ފެކްޝަނުން މިހާރު މަސައްކަތް ކުރަނީ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓުވަން ކަމަށެވެ. އަދި އައްޑޫގެ ލޭންޑުޔޫސްޕްލޭނާއި އައްޑޫގެ މަސް ފެކްޓްރީއާއި އައްޑޫ ޓޫރިޒަމް ޒޯންގެ ލޭންޑް ސްކޭޕިންގެ މަސައްކަތްތައް ވެސް ވަނީ "އޮޅާލާފައި" ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން، އައްޑޫގެ ތަރައްގީ ހުއްޓުވާ، ސަރުކާރަށް އޮތް ތާއީދު ގެއްލުވާލަން ކުރާ ކަންކަމަށް ހައްލު ބޭނުންކަމަށް ނިހާދުވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާތާ ގިނަ ދުވަސްތަކެއްވެ ދެ ފެކްޝަންގެ ހޫނު ބަހުގެ ހަމަލާތައް އިތުރަށް ހޫނުވެފައި މިވަނީ، އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިހާބާއި ދިމާކޮށް ދެ ފެކްޝަނުންވެސް ކެންޑިޑޭޓުން ނެރުނު ހިސާބުންނެވެ.



ކިޔުންތެރިންގެ ހިޔާލު


-3

އަހުމަދު

25-Apr-2022

ފެކްޝަން ހެދިގެން ނަމަވެސް އެމްޑީޕީގެ ކިބައިން ޤައުމު ސަލާމަތްވުން އެންމެ މުހިންމީ.