އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް
ރާއްޖޭގައި ދިމާވެފައިވާ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ކުރި ކާމިޔާބު މަސައްކަތްތަކުގެ ތަފުސީލު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ހާމާކުރަަްވައިފި އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް ނުދެވިއްޖެނަމަ އިކޮނޮމިކް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާނެކަމަށް ފައްޔާޒު ވިދާޅުވެފައިވާތީ، އެކަމާއި ގުޅޭގޮތުން މިޑިއާއަކުން ސުވާލު ކުރުމުން ފައްޔާޒުވަނީ، ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ތަފުސީލެއް ދެއްވާފައެވެ.

އެގޮތުން ފައްޔާޒު ވިދާޅުވީ، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފުރަތަމަ ކުރެއްވި ކަމަކީ ގަވާއިދާއި ހިލާފަށް ބިދޭސީންނަށް އެތެރެވެވޭ ދޮރުތައް ބަންދު ކުރެއްވުން ކަމަށެވެ. އެއަށްފަހު ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 25000 ބަންގްލަދޭޝް މީހުން މިހާރުވަނީ އެމީހުންގެ ގައުމަށް ފޮނުވާލެވިފައި ކަމަށާއި 9000 އަށްވުރެ ގިނަ މީހުން މިހާރުވަނީ ގަވާއިދަށް ފައްތާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިތުރަކަށް މީހުންނެއް އިތުރެއް ނުވޭ، ފަންސަވީސްހާސް މަދުކުރެވިއްޖެ. ނުވަހާސް ކޮންމެވެސްވަރެއް ރެގިއުލަރައިޒް ކުރެވިއްޖެ." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ކޮވިޑުގެ ހާލަތާއި ގުޅިގެން އެ މަސައްކަތް އެންމެ ރަނގަޅަށް ފުރިހަމަ ނުކުރެވި ދޮޅު އަހަރެއްހާ ދުވަސް ދިޔަކަމަށެވެ.

"އަޅުގަނޑުމެން ބޮޑު ޝޯއެއް. ޝޯއެއް ދެއްކިން ހަމަ ގަސްދުގައި. ގަލޮޅު ދަނޑުގައި، އެހާލަތު ދިވެހި ރައްޔިތުންނަށް ސިފަކޮށްދޭން. އޭގެ މަސައްކަތް ކުރަމުންދަނިކޮށް އަޅުގަނޑުމެންނަށް ކޮވިޑުގެ ހާލަތު ދިމާވެގެން ގޭގައި ބަންދުވެފައި ތިބީމަ އޭގެ ކަމެއް ނުކުރެވޭނެ. ދެ އަހަރެއް ދޮޅު އަހަރެއްހާ ދުވަސް ދިޔައީ އަޅުގަނޑުމެނަށް ވަރަށްގިނަ ކަންކަން ނުކުރެވި." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒަކީ، އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމަށް ވާދަކުރައްވާ ބޭފުޅެއްކަމުން، އޭނާއާއި ދެން ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ޓީމުން ދަނީ، ބިދޭސީންގެ މައްސަލައާއި ގުޅުވައިގެންވެސް ފައްޔާޒުގެ ނާގާބިލުކަމުގެ ތުހުމަތު އަޅުވަމުންނެވެ. ނަމަވެސް، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްކުރި މަސައްކަތްތަކުގެ ތަފުސީލު އަދަދުތައް ހާމަކުރައްވަމުން ފައްޔާޒު ވިދާޅުވެފައިވަނީ، ބިދޭސީން ކުރާ ކޮންމެކަމެއް ހައްލު ކުރައްވާނެވާހަކަ ވިދާޅުނުވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު