ގާނޫނު އަސާސީން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މިހާރަށްވުރެ ބޮޑަށް ދިން އެއްވެސް ސަރުކާރެއް ނޯއްނާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިޔާ އައުޓް ކެމްޕޭން ހުއްޓުވުމަށް ރައީސް ސާލިޙު ނެރުއްވި ގަރާރާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އިންޑިޔާ އައުޓް ހަރަކާތާއި ގުޅިގެން ޚިޔާލު ފާޅުކުރަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި ސަރުކާރުން އެކަމަށް ހުރަސް ނާޅާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެ ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންކަން ގެންދިޔުމުން އެކަން ހުއްޓުވަން ފިޔަވަޅު އަޅަންޖެހޭ ކަަމަށާއި, އެއީ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ފުރަތަމަ އިންޑިޔާ އައުޓޭ ކިޔާފައި ނުކުތް ދުވަހަކު ނޫން މި ހިސާބަށް ކަންކަންދިޔައީ. މިކަން މި ހިސާބަށް ގެންދިޔައީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ގޮސް އިންޑިޔާގައި އުޅެން ނުކުޅަނދާނަ ވާ ހިސާބަށް ގެންދިޔަ، ދިވެހިންނަށް އިންޑިޔާއަށް ދާން ވިސާ ނުލިބޭ ހިސާބަށް ގެންދިޔަ، ރާއްޖޭގައި މަސައްކަތްކުރާ އިންޑިޔާ ރައްޔިތުންނަށް މަސައްކަތް ނުކުރެވޭ ހިސާބަށް މިކަން ގެންދިޔަ. އެންމެ ފަހުން ގޮސް ގޭގޭގެ ފާރުތަކާއި ސުކޫލުތަކުގެ ފާރުތަކުގައި އިންޑިޔާ އައުޓް ޖަހައި މިހާ ހިސާބަށްދިޔަ،." އިންޑިޔާ އަައުޓް ކެމްޕޭން ހުއްޓުވަން ސަރުކާރަށް މަޖުބޫރުވި ސަބަބުތައް ހާމަކުރައްވަމުން ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ އިންޑިޔާ އައުޓް ކެމްޕޭނަކީ ސިޔާސީ ހަރަކާތެއް ކަމަށާއި އެ ހަރަކާތް ގެންދަން ޖެހޭ ހިސާބެއް އޮންނާނެ ކަމަށެވެ. ޕީޕިއެމުން ވާދަކުރަންޖެހޭނީ އިންޑިޔާއާއި ނޫން ކަމަށާއި، އެޕާޓީން ވާދަކުރަންޖެހޭނީ އެމްޑީޕީ އާއި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އަވައްޓެރި ގައުމުތަކާއި މެދު އޮންނަ ސިޔާސަތެއް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމެއްގެ ޚާރިޖީ ސިޔާސަތު އެގޮތަށް ބައްޓަންކުރަން ޕޮލިޓިކަލް ޓޫލް (ސިޔާސީ ހަތިޔާރެއް) އެއް ގޮތުގައި ގެންގުޅެން ވެއްޖެއްޔާ ރައްޔިތުންނަށް އޭގެ ވަރަށް ނޭދެވޭ އަަސަރު ކުރާނެ. އެހެންވީމަ މިކަންކަން ހުއްޓުވަންޖެހޭ ހިސާބަށް ދިޔައީމަ ހުއްޓުވީ. ފުރަތަމަ ދުވަހު ނިކުމެގެން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލީ އެއް ނޫން." އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އަންހެނުން ގޮފީގެ ރައީސް ކަމަށް ވާދަކުރައްވާ ރޮޒައިނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


5

ބެއްޔާ

01-May-2022

ކިރޭ !! ކަލޭ ގެ އަމައޭ ނުކިޔަ ބަލަ!!ކަލޭ ތީ ސަޔަށް ކަޓާ ޅާއެއް!!