ރާއްޖޭގައި ގާއިމުކުރެވިފައިވާ ޝަރުއީ ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވޭ ޖުޑީޝަލް ޑިސްޓްރިކްޓްތަކެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމަށް ނިއްމައިފިއެެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ޝަރުއީ ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވޭ ޖުޑީޝަލް ޑިސްޓްރިކްޓްތަކެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމަށް އެކަމާ ގުޅޭ އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

އެ އިސްލާހުތައް ރައީސް އޮފީހަށް ފޮނުވީ އަދުލު އިންސާފުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އެ ދާއިރާގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމަށްޓަކައި ކަމާގުޅޭ ބިލުތައް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ބުނެ އެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހަޅާ މައިގަނޑު އިސްލާހުތަކަކީ ރާއްޖޭގައި ގާއިމުކުރެވިފައިވާ ޝަރުއީ ކޯޓުތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވޭ ޖުޑީޝަލް ޑިސްޓްރިކްޓްތަކެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމަށާއި ވަކިވަކި ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަންކުރާ ގޮތަށް މިހާރު އޮންނަ އުސޫލު ބަދަލު ކުުރުމާއި ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި އަދަދެއްގެ ސާކިޓްތަކެއް ގާއިމުކޮށް މެޖިސްޓްރޭޓުން އައްޔަންކުރާނީ ކަނޑައެޅޭ ސާކިޓްތަކަކަށް ކަމުގައި ހަމަޖެއްސުމަށް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަނީ ކޯޓުތައް ހިންގުމާ ގުޅޭގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އެނޫންވެސް ބައެއް އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް ވެސް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ބުނެފައެވެ.



މީގެއިތުރުން ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމުގެ މައިގަނޑު ބޭނުމަކީ ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަހިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ބައެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށް ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ބުންޏެވެ.

އަދި ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްސީލު ކުރުމަށާއި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހު ކުރުމަކީ ވެސް އޭގެ ބޭނުމެއް ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތަކާއި މާލީ ބަޔާން ހުށަހެޅުމާގުޅޭ އުސޫލުތައް އިތުރަށް ތަފްސީލު ކުރުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް އޭގެ ބޭނުމެެއް ކަމަށް ބަންޑާރަ ނައިބްގެ އޮފީހުން މައުލޫމާތުދެއެެވެ.

އަދުލް އިންސާފުގެ ނިޒާމް ހަރުދަނާކޮށް ޖޭއެސްސީ ސިޔާސީ ނުފޫޒުން މިނިވަންކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. އެހެން ނަމަވެސް ރައީސް ސާލިޙުގެ ސަރުކާރުގެ މިވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެ ވައުދު ފުއްދުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު