ކޮވިޑްގެ ވަބާއިން އެއްކޮށް އަރައިނުގަނެވި އުޅެނިކޮށް މިހާރު ހިނގަމުންދާ ރަޝިޔާ-ޔޫކްރެއިން ކުރިމަތިލުންތަކުގެ ސަބަބުން ނިކުންނަ ނަތީޖާތަކާއެކު، ދުނިޔެއިން ފަޤީރުކަން ނައްތާލާއި، ހަމަހަމަކަން ޤާއިމްކޮށް، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރި މަސައްކަތްތައް އެތައް އަހަރެއް ފަހަތަށްހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގައި މިހާރު ކުރިއަށްދާ ރައިޒީނާ ޑައިލޮގްގައި ވީޑިއޯ މެސެޖެއް މެދުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ހަކަތަޔާ، ކޮމޯޑިޓީސް އަދި މާލީ ބާޒާރުތަކަށް އެކަމުގެ އަސަރުކުރަމުންދާކަމަށެވެ. އދ ގެ އަންދާޒާތައް ދައްކާ ގޮތުން 107 އިޤްތިޞާދެއްގައި ތިބި 1.7 ބިލިއަން މީހުންނަށް މި ކުރިމަތިލުންތަކުގެ ސަބަބުން ކާނާއާއި ތެޔޮ އަގު ބޮޑުވުމާއި ކުރިމަތިލާން ޖެހި، އެ ގައުމުތަކުގެ ދަރަނި އަދާކުރުމަށް ސަރުކާރުތަކަށް ނުކުޅެދޭ މިންވަރަށް އިޤްތިޞާދީ ހާލަތު ދަށްވުމުގެ ބިރު އެބައޮތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގައުމުތަކުގެ ތެރޭގައި ހިމެނެނީ އެފްރިކާ ބައްރުގެ 41 ޤައުމަކާއި، އޭޝިއާ ޕެސިފިކް ސަރަހައްދުގެ 38 ގައުމެއްގެ އިތުރުން ލެޓިން އެމެރިކާ އަދި ކެރީބިއަން ސަރަހައްދުގެ 28 ގައުމެކެވެ.

ރަޝިޔާ-ޔޫކްރެއިން ހަމަނުޖެހުންތައް ކުރިއަށްދާއިރު، އިންސާނުންގެ ސަލާމަތަށް ހުރި އެހެން ނުރައްކާތަކާއި އެހެން ހަމަނުޖެހުންތަކަށް ހުއްޓުމެއް ނެތްކަން ފާހަގަކުރައްވައި، މިނިސްޓަރ ޝާހިދު ވިދާޅުވީ ފަލަސްތީން، ސީރިޔާ، ޔަމަން، ލީބިޔާ، މާލީ، އަފްޣާނިސްތާން، އިތިއޯޕިއާ، އަދި މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށެވެ.

ދުނިޔޭގެ އެތަން މިތަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ވާހަކަ ފާހަގަކުރައްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ އަދިވެސް މިމައްސަލަތަކަށް އޮތް ހައްލަކީ މަލްޓިލޭޓަރަލިޒަމް ކަމަށާއި، އެކަން ކުރަން އޮތް އެންމެ އެކަށީގެންވާ ޕްލެޓްފޯމަކީ އދ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް، ސައިޒަކަށް ބާރަކަށް ބެލުމެއް ނެތި ހުރިހާ ގައުމަކަށް ހަމަހަމަ ފުރުސަތު ލިބިދޭ ހަމައެކަނި މަޖިލިސްކަމަށްވާ އދގެ އާއްމު މަޖިލީހުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު