ހުޅުމާލޭގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކޮށްފިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާއި ވެމްކޯ އާއި ދެމެދު ސޮއިކުރެވުނު މިއެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ އާންމު ސަރަހައްދުތައް ސާފުކޮށް، ހުޅުމާލެ އިން ނެގޭ ކުނީގެ ބާވަތްތަށް ވަކިކުރެވި ދެމެހެއްޓެނިވި ހައްލެއް ހޯދައިދެވޭނެކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި މިފަދަ މަސައްކަތްތައް އެޗްޑީސީއިން ކުރުމުގެ ބަދަލުގައި އެކަމަށް ހާއްސަ ވެގެންވާ ފަރާތްތަކާއި މިފަދަ މަސައްކަތްތައް ހަވާލުކުރުމުން، ހުޅުމާލެގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް އެޗްޑީސީގެ ފޯކަސް އަމާޒުކުރުން އިސްކުރެވޭނެކަމަށްވެސް އެޗްޑީސީއިން ބުނެއެވެ. އެގޮތުން ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ މަސައްކަތްތައް އެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި މަޝްވަރާކުރެވިގެން އެފަދަ މަސައްކަތްތައް އެ ފަރާތްތަކާއި ހަވާލުކުރުމަކީ އެޗްޑީސީގެ މަޤްސަދުކަމަށްވެއެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލެގައި ތަރައްޤީކޮށް އާންމުކޮށް ހުޅުވައިލާފައިވާ ހުރިހާ މަގުތަކާއި މަގާ އިންވެގެންވާ ޕޭމަންޓާއި ގަސް އިންދާފައިވާ ސަރަހައްދުތަކާއި ޕާރކުތަކާއި އަދި ބީޗް ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން ހިމެނެއެވެ. މިގޮތުން ވެމްކޯއިން ކުނިކަހާ ސާފުކުރުމުގައި ނެގުމަށް ހަމަޖެހިފައިވަނީ އާންމުކޮށް "ލީޓަރ" ކޮށްފައި ހުންނަ ކުނީގެ ބާވަތްތަކެވެ. މި ބާވަތުގެ ކުނީގެ ތެރޭގައި ހިމެނެނީ ޕްލާސްޓިކް ފުޅި، ދަޅު، ކޮތަޅު، ކަރުދާސް، ފަތްކުނި، ޕެކޭޖިން އަދި މިފަދަ އެހެނިހެން ބާވަތްތަކެވެ.

ސޮއިކުރާ ދުވަހުން ފެށިގެން ތިން އަހަރު ދުވަހަށް ކުރިއަށްދާނެ މިމަސައްކަތުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޔޫސުފް ސިރާޖެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

މީގެއިތުރުތުން ހުޅުމާލޭގެ އާންމު ސާފުތާހިރުކަން ކަށަވަރު ކުރުމަށްޓަކައި މި ހުޅުމާލޭގައި ދިރިއުޅޭ ފަރުދުން، ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތަށް ރެޖިސްޓަރ ނުކޮށްހުރި ގޭބީސިތަކުން ވީ އެންމެ އަވަހަކަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށާއި، ކެފޭ، ހޮޓާ އަދި އެހެނިހެން ވިޔަފާރިތަކުން އުފެދޭ ކުނި އުކާލުމަށް ވެމްކޯގެ ހިދުމަތަށް ރެޖިސްޓަރ ކުރުމަށާއި، ރެޖިސްޓަރ ނުކޮށް މަގުތަކަށް ކުނި ނެރެމުންދާ ފަރާތްތަކުން މިފަދަ އަމަލުތައް ވަގުތުން ހުއްޓާލުމަށް އެޗްޑީސީއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޮޑެތި އަދި ބަރު ކުނި އުކާލުމަށް ވެމްކޯގެ ކޯލް އެންޑް ޕިކަޕް ސާރވިސް ހިޔާރުކުރުމަށްވެސް އެޗްޑީސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހުޅުމާލޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ހުޅުމާލެގައި ދިރިއުޅޭ އެންމެހައި ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކޮށް މިފަދަ ކަންކަމުގައި އެއްބާރުލުންދިނުން މުހިންމުކަން އެޗްޑީސީން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު