ޑިޕްލޮމެޓް އޮފް ދި ޔިއަރ ފްރޮމް އޭޝިއާ އެންޑް އޯޝޭނިއާގެ އެވޯޑް އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު ޑރ. ފަރަހަނާޒް ފައިސަލްއަށް ލިބިވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

1947 ވަނަ އަހަރުންފެށިގެން ނެރެމުން އަންނަ "ޑިޕްލޮމެޓް މެގަޒިން" އަކީ ދުނިޔޭގެ ޚާރިޖީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޚަބަރުތައް ގެނެސްދިނުމަށް ޚާއްސަކޮށް ނެރެމުން އަންނަ މަޖައްލާއެކެވެ. ޑރ. ފަރަހަނާޒަށް އެވޯޑް އަރުވާފައިވަނީ 25 އޭޕްރީލް 2022 ގައި ބޭއްވި އައި.އެޗް.ޖީ ޑިޕްލޮމެޓް އޮފް ދަ އިޔަރ އެވޯޑް ޙަފްލާގައެވެ. މިއީ މި އެވޯޑް ދޭތާ 12 ވަނަ އަހަރެވެ.

މި އެވޯޑް ފަރަހާނާޒްއަށް ލިބިވަޑައިގަތުމާއި ގުޅިގެން ރައީސް ސާލިހު ވަނީ ޑރ. ފަރަހަނާޒްއަށް މަރުހަބާ ވިދާޅުވެފައެވެ. ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޑރ. ފަރަހަނާޒްއަކީ ނަމޫނާ ޑިޕްލޮމޭޓެއްކަމަށެވެ. އަދި ފަރަހާނާޒް ހޯއްދެވި ކާމިޔާބީއަށް ޤައުމު ފަހުރުވެރިވާކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.



އެވޯޑް ލިބިވަޑައިގަތުމުން ޑރ. ފަރަހަނާޒް ވިދާޅުވީ ރާއްޖެއަށް ޚިދުމަތްކުރުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ރައީސް ޞާލިޙަށް ޝުކުރު އަދާކުރަށްވާކަމަށެވެ. އަދި ރާއްޖޭގެ ޚާރިޖީ ވަޒީރަށާއި ޚާރިޖީ ޓީމަށްވެސް އެކަމަނާވަނީ ޝުކުރު ދަންނަވާފައެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ޑރ. ފަރަހަނާޒް އެންމެފުރަތަމަ ޢައްޔަންކުރެއްވީ 2009 ވަނަ އަހަރުއެވެ. އަދި 2012 ވަނަ އަހަރު އޭރުގެ ސަރުކާރު ބަދަލުވުމާއެކު މަޤާމު ގެއްލުނު ނަމަވެސް 2019 އެޕްރީލް 18ގައި ފަރަހަނާޒަށްވަނީ އަލުން އެ މަޤާމް ދެއްވާފައެވެ.

ޑރ. ފަރަހަނާޒް ވަނީ ޑެންމާކް، ފިންލެންޑް، ފްރާންސް، ނޯވޭ، ސްޕެއިން އަދި ސްވިޑްން އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރުގެ މަގާމު އަދާކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު