ޕާކިސްތާނުގައި ދިރިއުޅޭ ޗައިނާގެ މީހުންނަށް އަމާޒުކޮށް ޖާނު ގޮއްވާލައިގެން ދިން ހަމަލާއެއްގައި 4 މީހަކު މަރުވެއްޖެއެވެ.

މިހަމަލާ ދީފައިވަނީ އިއްޔެގެ މެންދުރު ފަހުގެ ވަގުތެއްގައި ކަރާޗީ ޔުނިވަރސިޓީ ކައިރިން ޗައިނާއަށް ނިސްބަތްވާ މީހުންތަކެއް ގޮވައިގެން ދަތުރުކުރި ވޭނަކަށެވެ. މިހަމާލައިގައި ޗައިނާގެ ތިން މީހަކު މަރުވެެފައިވާއިރު، ވޭން ދުއްވަން އިން ޕާކިސްތާނުގެ މީހަކުވެސް ވަނީ މަރުވެފައެވެ.

ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާއަތަކުން މިހަމަލާގެ ޒިންމާ ނަގާފައިވާއިރު، މިހަމަލާ ދީފައިވަނީ މޫނު ބުރުގާ އެޅި އަންހެނަކު ލައްވާކަމަށް އެޖަމާއަތުން ބުނެއެވެ.

މިހަމަލާވެގެން ދާނީ މިފަހަކުން ޕާކިސްތާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ޝެހްބާޒް ޝަރީފްގެ ރިޔާސަތުގައި ހިނގާދިޔަ ފުރަތަމަ ބޮޑު ހަމަލާއަށެވެ. އަދި މިއާއެކު ޕާކިސްތާނާއި ޗައިނާއާއި އޮތް ގުޅުމާމެދުވެސް ސުވާލު އުފެދޭކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

މީގެ ކުރިން މިދިޔަ އަހަރުވެސް މިފަދަ ހަމަލާއެއް ޕާކިސްތާނުގައި ދިރިއުޅޭ ޗައިނާގެ މީހުންނަށް އަމާޒުކޮށްފައިވެއެވެ. އެހަމަލާގައި 13 މީހަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން