ރަތުމަލާނަ އެއާޕޯޓަށް ކުރާ ދަތުރުތައް މޯލްޑިވިއަންއިން މެދުކަނޑާލަން ނިންމައިފިއެވެ.

ގައުމީ އެއަރލައިން، މޯލްޑިވިއަނުން ކޮލަމްބޯގެ ރަތުމަލާނަ އެއާޕޯޓަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމީ ލަންކާގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

މޯލްޑިވިއަނުން ބުނީ ރަތުމަލާނަ އެއާޕޯޓަށް ކުރާ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވަނީ އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެންކަމަށެވެ. އަދި ލަންކާގެ ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށްފަހު ދަތުރުތައް އަލުން ފެށުމާއި ގުޅޭގޮތުން ގޮތެއް ނިންމާނެކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.

ލަންކާގެ ރަތުމަލާނަ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް މޯލްޑިވިއަނުން ފަށާފައިވަނީ މިދިޔަ މާޗުމަހުއެވެ. ރަތުމަލާނަ އެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށާއިރު ދެކޮޅު ޓިކެޓުގެ އަގު ހުރީ 299 ޑޮލަރަށެވެ.

ކޮޅުނބުގެ ބަންޑާރަނައިކަ އެއާޕޯޓާއި އަޅާ ބަލާއިރު މި އެއާޕޯޓަކީ ލަންކާގައި ދިވެހިން އުޅޭ ސަރަހައްދާ ކައިރީގައި އޮންނަ އެއާޕޯޓެކެވެ. އެހެންކަމުން ބަނޑާރަނައިކްއަށް ކުރާ ދަތުރަށް ވުރެ މި އެއާޕޯޓަށް ކުރާ ދަތުރު އަވަސްވާނެއެވެ.

ރަތުމަލާނަ އެއާޕޯޓު ހުޅުވާފައިވަނީ 1938 ވަނަ އަހަރުއެވެ. ނަމަވެސް 1968 ވަނަ އަހަރު ބަންޑާރަނައިކަ އެއާޕޯޓު ހުޅުވުމާއެކު އެ އެއަރޕޯޓަށް ކުރަމުން އައި ދަތުރުތައް މަޑު ޖެހިގެން ދިޔައެވެ.



ކިޔުންތެރިންގެ ހިޔާލު