އަހުމަދު މަސްނޫމް   27 އޭޕްރީލު 2022 - 18:50
މިދުވަސްވަރު މާލެއާއި އަތޮޅުތަކުން ޑެންގޫހުން ޖެހިގެން ރިޕޯރޓް ކުރެވެމުންދާ އަދަދު އިތުރުވާކަމަށް ފާހަގަކުރެވޭތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ކުރިޔަށް އޮތީ ޗުއްޓީ ބަންދު ދުވަސްތަކަކަށް ވާތީ ރާއްޖޭގެ އެކިހިސާބުތަކަށް މީހުން ދަތުރުކޮށް އުޅޭ މިންވަރު އިތުރު ވާނެ ކަމަށް ލަފާކުރެވޭތީ ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލި ޖެހިއްޖެނަމަ ރައްކާތެރިވުމުގެ ގޮތުން ބައެއް ކަންކަމަށް އިތުރު ސަމާލުކަން ދެއްވުން މުހިންމުކަމަށެވެ.

ޑެންގީފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް:-

• މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި ރެޕެލެންޓް ބޭނުން ކުރުން.

• ޑެންގީ ފަތުރާ މަދިރިއަކީ ދުވާލުގެ ހުރިހާ ވަގުތުގައިވެސް ހަފާ މަދިރިއެއް، އަދި ގެއާއި ގޯތިތެރޭގައި ގިނަ އިރުއުޅޭ މަދިރިއަކަށް ވުމުން އަދި ހާއްސަކޮށް ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގިނަވާތީ ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް އެ ގަޑިތަކުގައި ލައްޕާފައި ބެހެއްޓުން.

• ޑެންގީފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން ގޭތެރޭގައި ފެނުގައި ހައްދާގަސް، ތަށިޓްރޭފަދަ ފެންހަރުލާ ތަންތަން ސާފުކުރުން. ގޯތިތެރޭގައި ހުންނަ ގަސްމުށި، ފެންތާނގީ ފަދަތަކެތި ސާފުކުރުން. ޢާއްމު ތަންތަނަށް ހުސްފުޅިއާއި ދަޅު ފަދަ ފެންހަރުލާ ތަކެތި އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ ފެންހަރުލާ ތަކެތި އުކާ ނުލުން

• ކުޑަކުދިންނާއި މާބަނޑުމީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ބައެއް ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ޑެންގީ ޖެހުމުން އިތުރު ނުރައްކާތައް ކުރިމަތިވުން އެކަށީގެންވޭ. އަދި މަދުން ނަމަވެސް މައިމީހާގެ ބަނޑުގައިވާ ދަރިފުޅުގެ ފުރާނައަށް ނުރައްކާވާފަހަރު އާދޭ.

• 03 ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، ނުވަތަ ޑެންގީގެ ނުރައްކާތެރި އަލާމާތްތައް (ކުޑަކަމުދެވޭ މިންވަރު މަދުވުން، އާދަޔާ ޚިލާފަށް ވަރުދެރަވުން، ބަނޑުގައި ރިއްސުން، ކުޑަކުދިންނަށް ކައިރިން ނުވުން) ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއް ނުވަތަ ސިއްޙީ އެހީތެރިއެއްގެ ލަފައާއި އިރުޝާދު ހޯދުން

• ޑެންގީފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރެވޭނީ މަދިރި އުފެދޭގޮތަށް ހުރި ތަންތަން ނައްތާލާ މަދިރި އާލާވުން މަދުކުރެވިގެން ކަމަށްވުމާއެކު ހުރިހާ ފަރާތަކުންވެސް އެކަމަށް ސަމާލުކަން ދިނުން.

އެޗްޕީއޭއިން ބުނީ ޑެންގީގެ އިތުރުން، އަރިދަފުސް ރޯގާއާއި ވައިރަލްހުން ފަދަ ބަލިތައް އިތުރުވެގެން ދިޔުމުގެ ފުރުސަތު އޮތުމުން ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދެއްވުން މުހިންމުކަމަށެވެ.

އަރިދަފުސްރޯގާއާއި ވައިރަލް ހުމުން ރައްކާތެރިވުމަށް:-

• ސައިބޯނިލައިގެން އަތްދޮވުމަށް ހާއްސަ ސަމާލުކަމެއްދިނުން. ކެއްސާއި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ޓިޝޫއެއް ފަދަ އެއްޗަކުން ނިވައިކުރުން އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލައިނުލުން.

• ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން.



ކިޔުންތެރިންގެ ހިޔާލު