ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން ކުރީގެ ރައީސް، މުހައްމަދު ނަޝީދު އިއުލާން ކުރެއްވުމުން އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް އެމަނިކުފާނަށް ނަސޭހަތެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އެންމެފަހުން އިޢުލާންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނާބްރައީސް އީވާ އަބްދުﷲ އެވެ. އެކަން ހާމަކުރަށްވައި ރައީސް ނަޝީދުގެ ކޮއްކޯފުޅު އީވާ ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރަށްވާނެކަމަށެވެ.

އެކަމަށް އިޝާރަތް ކުރައްވައި އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް އަދި މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، ވެރިކަމަކީ ޝަރަފަކަށްވުރެ ރައްޔިތުން ހަވާލުކުރާ ޒިންމާ އަކާއި އަމާނާތެެއް ކަމަށެެވެ. އަދި ކުރިން ވެސް މުހައްމަދު ނަޝީދު ރައީސް ކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެ ޒިންމާ ދޫކޮށްލެއްވީ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.



ޑރ. އިޔާޒް އެ ވިދާޅުވި ފަދައިން 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދު ވަނީ ދައުރު ފުރިހަމަ ނުކުރައްވައި 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ. ރައީސް ނަޝީދު އިސްތިއުފާ ދެެއްވީ އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅަށް ރައްޔިތުން ކުރި މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކަށްފަހު ސަރުކާރާއި ދެކޮޅަށް ފުލުހުންނާއި ސިފައިން ނިކުތުމުންނެވެެ.

"އެހެންވީމަ އެކަން ކުރެވޭ ވަރުގެ ބޭފުޅަކާއި ހަވާލުކޮށްލައްވާފައި އަރާމު ކޮށްލުން ބުއްދިވެރި،" ޑރ. އިޔާޒް ވިދާޅުވިއެވެ.

ރައީސް ކަމަށް ކުރިމަތިލައްވާނެކަން ރައީސް ނަޝީދު އިއުލާން ކުރެއްވީ ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރެއްވުމުން ރައީސް ސާލިޙު އެކަމަށް އެއްބަސްވެވަޑައިނުގަތުމުންނެެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ދިމާކޮށް އެމްޑީޕީގެ ތެރޭގައި ރައީސް ސާލިޙުގެ ޓީމާ ރައީސް ނަޝީދަށް ތާއިދުކުރާ ފަރާތްތަކުގެ މެދުގައި ވަނީ ދެ ފެކްޝަން އުފެދިފައެވެ. ރައީސް ޞާލިހު ވެރިކަމުގެ ދެވަނަ ދައުރެއްގެ ވާހަކަ ރަސްމީކޮށް އަދި އިޢުލާން ނުކުރެއްވި ނަމަވެސް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު