އިބްރާހިމް ފަހީމް   28 އޭޕްރީލު 2022 - 1:56
ފެނުގެ ނިޒާމު ރަސްމީކޮށް ފެށުމުގެ ތެރެއިން
ފެނުގެ ނިޒާމު ރަސްމީކޮށް ފެށުމުގެ ތެރެއިން
އދ. ފެންފުށީގައި ސަރުކާރުން ގާއިމް ކުރާ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެކަމަށްޓަކައި މިއަދު އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރަސްމީކޮށް މަސައްކަތް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީނެވެ.

ފެންފުށީ ކައުންސިލް މެމްބަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މި ރަސްމިއްޔާތުގައި އެމްޑީ ސައީދާއި ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވަނީ ވާހަކަ ދައްކަވާފައެވެ. މި ދެބޭފުޅުންގެ ވާހަކައިގައި ވެސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަތޮޅުތެރޭގެ ތަރައްގީއަށް ކުރައްވާ މަސައްކަތްތައް ފާހަގަ ކުރައްވާފައިވެއެވެ.

ފެންފުށީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިއަށް އޮތް 06 މަސްތެރޭ، ހޮޅި ވަޅުލައި، ސާފުކޮށް، ޕްރެޝަރ ޓެސްޓް ކޮށް، ގޭގެއަށް ކަނެކްޝަން ދިނުމުގެ އެނމެހާ މަސައްކަތްތައް ނިންމާލުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކައިން މައުލޫމާތު ދެއެވެ. އެގޮތުން، 9600 މީޓަރަށްވުރެ ދިގު ފެނުގެ ވިއުގައެއް ގާއިމްކޮށް، 60 ޓަނުގެ 02 ފެންޕްލާންޓް ބަހައްޓައި، 950 ޓަނުގެ ފެން ރައްކާކުރެވޭނެ ވަސީލަތް ގާއިމްކޮށް، ރަށުގެ ހުރިހާ ގެއަކަށް ފެން މީޓަރ ގުޅައިދޭނެއެވެ.

މި މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ފަރާތުން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން، މި އަހަރުގެ ޑިސެމްބަރ ގެ ނިޔަލަށް ނިންމުމަށް ފެނަކަ އާ ހަވާލު ކޮށްފައިވާ މަޝްރޫއެކެވެ. ފެނަކައިން މަސައްކަތް ކުރަނީ މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާ، މިއަހަރުގެ ނޮވެމްބަރ މަހު މިނިސްޓްރީ އާ ފެނުގެ ނިޒާމު ހަވާލުކުރުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު