-
-
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމަށްޓަކައި އެކަންކުރެވޭނެގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހެޅުމަށް ލޯކަލްގަވަރމަންޓް އޮތޯރިޓީން ނިންމައިފިއެވެ.

ލާމަރުކަޒީ ގާނޫނު އޮންނަގޮތުން، ރަށްރަށުގައި އިންތިހާބު ކޮށްފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން މާނަކޮށްފައިވަނީ ވަޒީފާއެއް އަދާކުރާގޮތަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައެއް ނޫނެވެ. އެހެން އެކަން އޮންނާތީ އެ ކޮމެޓީތަކަށް ރަމަޟާން މަހުގެ އިނާޔަތް ދޭން ނުޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން އޮންނަނީ ކައުންސިލްތަކަށް އަންގާފައެވެ.

މި މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، އެލްޖީއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ މާލެ އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލްވަނީ އެ މައްސަލަ އެލްޖީއޭގެ ބޯޑަށް ހުށަހަޅުއްވާފައެވެ. މި މައްސަލައަށް ބޯޑުގައި މިއަދު މަޝްވަރާ ކޮށްފައިވާއިރު، ބޯޑުން މިއަދު ނިންމީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށެވެ.

ގާނޫނަށް އިސްލާހު ހުށަހެޅުމަށް ފާސްކުރެއްވި ނަމަވެސް، ގާނޫނަށް ގެންނަ އިސްލާހުތައް ބައްޓަން ކުރާގޮތުގެ ތަފުސީލެއް އަދި މިހާތަނަށް އެލްޖީއޭއިން ހާމައެއް ނުކުރެއެވެ.

ކޮންމެ ރަށެއްގައިވެސް ކައުންސިލްތަކާއިއެކު މަސައްކަތްކުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަކީ ކަނބަލުންގެ އެކި ކަންކަމުގައާއި ރަށްރަށުގެ ތަރައްގީގެ އެކި ކަންކަމުގައި ވަރަށް އިސްކޮށް ބުރަމަސައްކަތެއް ކުރާ ބައެކެވެ.

ވަޒީފާއާއިބެހޭ ގާނޫނު ބުނާގޮތުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމަކަށް 3000 ރުފިޔާގެ އެލަވަންސެއް ރަމަޟާން މަސް ފެށުމުގެ ކުރިން ދޭންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު