ސައުދު ﷲ އަހުމަދު: ފޮޓޯ ޕީއެސްއެމް
ސައުދު ﷲ އަހުމަދު: ފޮޓޯ ޕީއެސްއެމް
ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް އޮތް ހަމައެކަނި ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާދަކުރެއްވުންކަމަށް ޓްރޭޑް ޔޫނިއަންގެ ނާއިބް ރައީސް ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

ސައުދުﷲ މިއަދު ވިދާޅުވީ، ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް އޮތް ހަމައެކަނި ފުރުސަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވާދަކުރެއްވުންކަމަށާއި ނުބައި ހިސާބު ޖަހައިގެން "އަތަށް ގޮއްވަން" މަސައްކަތް ކުރުން ހުއްޓާލުން ބުއްދިވެރިކަމަށެވެ.

"އަބަދު މަގުމަތީގައި ރައްޔިތުން ނުތިބޭނެ، އެމްޑީޕީއަށް ތާއީދުކުރާ މީހުން މާބޮޑަށްވެސް ހޭލުންތެރިވެއްޖެ." ސައުދުﷲ ވިދާޅުވިއެވެ.



ސައުދުﷲ މިފަދައިން ވިދާޅުވެފައިމިވަނީ، އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ރައީސް ނަޝީދުގެ ފެކްޝަނުން ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ކެމްޕޭން ބައްދަލުވުމެއްގައި، ކުރިޔަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވާދަކުރައްވާނެކަން، އެމަނިކުފާނުގެ ކޮއްކޮ އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވުމާއި ގުޅިގެނެވެ.

"2023 ގެ އިންތިހާބަށް އިރާދަކުރެއްވިއްޔާ ރައީސް ނަޝީދު ކުރިމަތިލައްވާނެ. 2023 ގެ އެމްޑީޕީގެ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރިމަތިލައްވާނެ." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގެ ކުރިން ރައީސް ނަޝީދަކީ ޕާޓީން ބާކީ ކުރެވިފައިވާ މީހަކަށް ހެދުމަށް މިއަދުން ފެށިގެން ވެސް މަސައްކަތް ކުރަމުން އެބަ ގެންދާ ކަމަށެވެ. އީވާ ވިދާޅުވީ، ރައީސް ނަޝީދު ވާދަކުރައްވާނެކަން އިއުލާނުކުރައްވަން ބޭނުންވީ، ޗެއަރޕާސަންކަމުގެ އިންތިހާބުގެ ވޯޓު ނިމިގެންދާ ގޮތަކުން ޕާޓީގެ މުސްތަގުބަލަށް އަސަރުކުރާނެތީ ކަމަށެވެ.

އީވާ އެފަދައިން ވިދާޅުވިއިރު، ރައީސް ނަޝީދު ވެސް މީގެ ކުރިންވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ. މަޖިލީހުން ގެނެސްދޭ އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ 2023 ގައި ރިޔާސީ އިންތިހާބެއް ނޯންނާނެކަމަށާއި ނަމަވެސް، ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ. އޭރު އެމަނިކުފާނު ގެންދެވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ފާޅުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ނަމަވެސް އެމަސައްކަތުގައި މާބޮޑު ކާމިޔާބެއް އަދި ލިބިފައިވާތަނެއް ނުފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު