މާލޭގެ މަގުތަކުގައި ފިތުރު އީދު ދުވަހުގެ ބައެއް ވަގުތުތަކުގައި ވެހިކަލް ދުއްވުން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އީދު ދުވަހު މާލެއާއި ހުޅުމާލޭގައި ވެސް ހިނގާފައި އުޅޭނެ ވަކި ވަގުތެއް ކަނޑައަޅައިދޭން ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އައިމިނަތު ޔުމްނާއެވެ.

ނަމަވެސް މިމައްސަލައިގައި ކައުންސިލް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނެވެ. އެގޮތުން ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި ނަމަ، އާންމުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭނެކަމަށާއި، ހާއްސަކޮށް ހުޅުމާލޭ ފޭސް 2 ސަރަހައްދުގައި އަދިވެސް ޒަރޫރީ ކަންކަން ހަމަނުޖެހޭއިރު ވެހިކަލް ދުއްވުން މަނާކުރުމުން ދަތިވާނޭކަން މެމްބަރުން ފާހަގަކުރެއްވިއެވެ.

މިކަމާއި ގުޅޭގޮތުން ކައުންސިލުގައި މަޝްވަރާކުރުމަށްފަހު މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ވިދާޅުވީ ހަމައެކަނި މާލޭގައި ވެހިކަލް ދުއްވުން މަނާކުރާ ވަގުތެއް ކަނޑައެޅުއްވުން ރަނގަޅުކަމަށެވެ. އަދި އެ ހުށަހެޅުމަށް މެމްބަރުން ތާއީދުކުރެއްވިއެވެ.

އެހެންކަމުން ކައުންސިލުން ނިންމީ ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ވެހިކަލް ދުއްވުން މަނާކުރާ ގޮތަށެވެ.

ސިޓީ ކައުންސިލުން ބުނީ މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީ މެދުވެރިކޮށް ތަންފީޒުކުރަން ޖެހޭ ކަންކަން ކުރުމަށް މިނިސްޓްރީއަށް ހުށަހަޅާނެކަމަށެވެ.

މާލޭގައި ވަކި ވަގުތުތަކެއްގައި ވެހިކަލް ދުއްވުން މަނާކުރިޔަސް އެހެން އަހަރުތަކޭ އެއްގޮތަށް އިމަޖެންސީ ހާލަތުގައި ވެހިކަލްތަކާއި އެމްބިއުލެންސް އަދި ސަލާމަތީ ހިދުމަތްތައް ފަދަ ކޮންމެހެން ދުއްވަން ޖެހޭ ވެހިކަލްތަކަށް ހުއްދަ ދޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު