ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކިކުރި މައްސަލައިގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެނުދިން މައްސަލައިގައި ހައި ކޯޓުގެ ނިންމުމަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން އުފެއްދި ޕޮލިސް ބޯޑުން ވަނީ ފުލުހުންގެ ވަޒީފާގައި ތިބި ބައެއް އިސް އޮފިޝަލުން ވަޒީފާއިން ވަކިކޮށްފައެވެ. އޭރު ފުލުހުންގެ ވަޒީފާއިން ވަކިކުރި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ޖަމްޝީދާއި އޭސީޕީ އަހުމަދު މުހައްމަދު (ޓޫފޯ) ވަނީ އެމައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައެެވެ. އެ ދެބޭފުޅުން ވަޒީފާއިން ވަކިކުރި ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދުނު ނަމަވެސް އެކޯޓުން ވަނީ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފައެވެެ. އެ ނިއްމުމަށް ހައިކޯޓުން ވަނީ ތާއިދުކޮށްފައެވެ. ދަށު ކޯޓާއި ހައިކޯޓުގެ ނިންމުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ހައި ކޯޓުގެ އަމުރަކީ ސުޕްރީމް ކޯޓުން މީގެ ކުރިން ނެރެފައިވާ އަމުރަކާ ހިލާފަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ.

ދެ އޮފިސަރުންގެ ފަރާތުން އެދިފައިވަނީ ވަގުތީ އަމުރަކަށްވީ ނަމަވެސް، ޖަމްސީދާއި ޓޫފޯ ވަކިކުރުމުގެ ނިންމުން ބާތިލް ކުރުމަކީ އަސްލު މައްސަލަ ނިމުމުގެ ކުރިން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމްގައިވެއެވެ.

އޭސީޕީ ޖަމްޝީދާއި، އޭސީޕީ އަހްމަދު މުހައްމަދުގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި، ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު ވެސް ފުލުހުންގެ ވަޒީފާއިން ވަނީ ވަކިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު