ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި މާދަމާގެ ހުކުރު ނަމާދު އދގެ އާއްމު މަޖިލީހުގެ ރައީސް، އަދި ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ކުރައްވާ ގޮތަށް ހަމަޖައްސައިފިއެެވެ.

ކޮންމެ ހުކުރު ދުވަހަކު އދގެ މައި މަރުކަޒުގައި އިސްލާމީ ޤައުމުތަކުގެ މަންދޫބުންނާއި، އދގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުން ޖަމާޢަތުގައި ހުކުރު ނަމާދު ކުރެއެެވެ. އެގޮތުން މާދަމާގެ ހުކުރު ނަމާދު އިމާމުވެ ކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ އދ. ޢާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދެވެ.



މިއީ އެމަނިކުފާނު އދ.ގެ މައިމަރުކަޒުގައި އިމާމްވެ ހުކުރު ނަމާދު ކުރައްވާ ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ. މިއީ އދގެ ޢާއްމު މަޖިލީހުގެ ރައީސަކު އެ ޖަމްއިއްޔާގެ މައި އިދާރާގައި އިމާމްވެ ހުކުރު ކުރައްވާ ފުރަތަމަ ފަހަރުވެސް މެއެވެ.

ނިއުޔޯކްގައި ހުކުރު ނަމާދުކުރާ ގަޑި ދިމާވާނީ ރާއްޖޭގެ ގަޑިން މާދަމާ ރޭ (ހުކުރު ދުވަހުގެ ރޭ) 10:00 އާއެވެ.

އދ. ޢާންމު މަޖިލީހުގެ އެންމެ އިސްމަގާމު ފުރުއްވާ އަބުދުﷲ ޝާހިދަކީ ރާއްޖޭގެ ތާރީހުގައިވެސް އދ.ގެ މިހާ އިސް މަގާމަކަށް އިންތިހާބުކުރި ފުރަތަމަ ދިވެއްސެވެ. އަދި މިއީ ދިވެހި ތާރީހުގައި ވެސް ދިވެއްސަކަށް މިފަދަ ޝަރަފެއް ލިބުނު ފުރަތަމަ ފަހަރުކަން ފާހަަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު