އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ރިޔާސީ ޕްރައިމަރީއެއް ބޭއްވޭނީ އެކަމާ ގުޅޭގޮތުން ގައުމީ މަޖިލީހުން ކުރިން ނިންމާފައިވާ ނިންމުން ބާތިލްކޮށްގެންކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އިއުލާންކުރައްވާފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ވިދާޅުވީ، 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ކެންޑިޑޭޓެއް ނެރުމަށް ރިޔާސީ ޕްރައިމަރީއެއް ބޭއްވޭނީ 2012 ވަނަ އަހަރު ގައުމީ މަޖިލީހުގެ އިއްތިފާގުން ނިންމާފައިވާ ގަރާރު ބާތިލްކޮށްގެން ކަމަށެވެ.

އެ ގަރާރަކީ ޕާޓީގެ ރައީސަކު ވެރިކަމުގައި ހުރެއްޖެނަމަ އަދި އޭނާ ވެރިކަމަށް ކުރިމަތިލާނަމަ ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދޭން ލާޒިމްކުރާ ގަރާރެއް ކަމަށް މޫސަ ވިދާޅުވިއެވެ.

މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމުގެ ދެވަނަ ދައުރަކަށް ނުކުމެވަޑައިގަންނަވާ ވާހަކައާއިއެކު ޕާޓީގެ ރިޔާސީ ޓިކެޓް ދޭން ޕްރައިމަރީއެެއް ބާއްވާ ވާހަކަ އެމްޑީޕީގެ ބައެއް ބޭފުޅުން މިހާރު ދައްކަވާއިރު 2013 ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް ދިނީ 2012 ގައި ފާސްކުރި ގަރާރުގެ ދަށުން ރިޔާސީ ޕްރައިމަރީއަކާއި ނުލައެވެ.





2018 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވެސް ރައީސް ނަޝީދު ވަނީ ވާދަކުރައްވާފައެވެ. އެހެން ނަމަވެސް ރައީސް ނަޝީދު އޭރު 13 އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެންމެ ފުރަތަމަ އެމްޑީޕީން ބޭއްވި ޕްރައިމަރީ ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެެވެ.

އެންމެފަހުން، އެ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބަށް ނެރުމަށް ގައުމީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމުގައި އޭރު ހުންނެވި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސާލިޙު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީ އާއެކު ގުޅިފައިވާ ކޯލިޝަނަކުން ނުކުމެވަޑައިގެންނެެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ރައީސް ނަޝީދު އިއުލާން ކުރައްވާފައިވާއިރު ރިޔާސީ އިތުރު ދައުރަކަށް ކުރިމަތިލެއްވުމާއި މެދު ރައީސް ސާލިޙު ވަކި އެއްޗެއް އަދި ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް ރައީސް ސާލިޙުގެ އަރިސް ބޭފުޅުން ވަނީ ރިޔާސީ އިތުރު ދައުރަކަށް އެމަނިކުފާނު ކުރިމަތިލައްވާނެ ކަން ކަށަވަރު ކޮށްދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


0

އަހުމަދު

01-May-2022

މި ދެމީހުންގެ ގޮތް ދޫނުކުރުމާއި ހެދިގެން ނަމަވެސް އެމްޑީޕީއަށް އިތުރު ދައުރެއް ނުލިބިއްޖެއްޔާ އެވާނީ ޤައުމަށް ލިބޭ ނަސީބަކަށް. އެމްޑީޕީން ކުރީބުރުގައި އިންޑިއާ ކުންފުނިތަކާއިއެކު ހެދި ދެކޮޅުނުޖެހޭ އެގްރީމެންޓުތަކާއި ހެދިގެން މާލޭގެ އެންމެ އަގުބޮޑު ހިސާބުން ދެ ބިން އެވަނީ ގެއްލިފައި. މި ވެރިކަން ނިމޭއިރު އިންޑިއާއަށް ދައްކާންޖެހޭނެ ވަރެއްގެ އަދަދު ވެސް އެނގޭނީ މި މީހުން ވެރިކަނުން ފޭބީމަ.