ޅ. ފެލިވަރުގައި ތަރައްޤީކުރާ ކޯލްޑް ސްޓޯރޭޖްގެ ބީލަން މަރުހަލާ ފަށައިފިއެވެ.

ފެލިވަރުގައި ތަރައްޤީކުރާ ކޯލްޑް ސްޓޯރޭޖް މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކުރިޔަށްގެންދާ މަޝްރޫޢެކެވެ.

މިފްކޯއިން ބުނީ މި މަޝްރޫޢުގެ ބީލަން މަރުހަލާ މިހާރު ފަށާފައިވާކަމަށެވެ. ނަމަވެސް އޭގެ މާބޮޑު ތަފްސީލެއް ނުދެއެވެ.

ފެލިވަރުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 200 ޓަނުގެ މަސް ގަނޑު ކުރެވޭނެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ޤާއިމްކުރާނެއެވެ. އަދި ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، މި ކަންކަމާ ގުޅޭ އެހެނިހެން ވަޞީލަތްތައްވެސް ޤާއިމުކުރާނެއެވެ.

މި މަޝްރޫޢުގެ ދަށުން ގއ. ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ޤާއިމުކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށްވުރެ 48 އިންސައްތަ އިތުރުވެގެން ދާނެއެވެ. އަދި ފްރީޒިންގ ކެޕޭސިޓީ 37 އިންސައްތަ އިތުރުވެގެންދާނެއެވެ.

މަސްވެރިން ބާނާ މަސް ފަސޭހަކަމާއެކު ކިރުމަށް ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ މަސް ގަނޑުކުރުމާއި، ގަނޑުކުރުމަށްފަހު ރައްކާކުރާ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމެވެ. އެހެންކަމުން މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި 200 ޓަނުގެ ފްރީޒިންގ ފެސިލިޓީގެ ސަބަބުން މިކަމަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތުން މަސްވެރިންނަށާއި، މިފްކޯއަށާއި މުޅި ޤައުމުގެ އިޤްތިޞާދަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމަށް ވަރަށް ބޮޑަށް މަގުފަހި ވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. އަދި އެތައް ޒަމާނެއް ވަންދެން ފެލިވަރު ތަރައްޤީކުރުމަށް އިންވެސްޓް ނުކުރެވި އޮތް އޮތުން ނިމުމަކަށް އަންނާނެކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު