އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ދެނީ - ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ދެނީ - ފޮޓޯ: އިމިގްރޭޝަން
އީދު ޗުއްޓީއާއި ދިމާކޮށް އިއްޔެއަކީވެސް ދިވެހި ޕާސްޕޯޓުގެ ހިދުމަތަށް ވަރަށް ބާރުބޮޑު ދުވަހެއް ކަމަށާއި އިއްޔެ އެކަނި 329 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު އާންމު ކުރި މައުލޫމާތެއްގައި ބުނެފައިވަނީ މިއަހަރުގެ ފިތުރު އީދުގެ ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓް ހައްދަން އެދޭ ފަރާތްތައް އިތުރުވެ، އިއްޔެއަކީ ވެސް ދިވެހި ޕާސްޕޯޓުގެ ހިދުމަތަށް ވަރަށް ބާރުބޮޑު ދުވަހެއް ކަމަށެވެ. އެގޮތުން 227 ޕާސްޕޯޓު އެންރޯލްކޮށް، 329 ޕާސްޕޯޓު އިއްޔެ ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، ގިނަ ބަޔަކު އެ ހިދުމަތަށް އެދެމުން ދާތީ މަސައްކަތުގެ ބާރުބޮޑުވި ނަމަވެސް، ވީއެންމެ އަވަހަށް ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން، ވީހާވެސް ގިނަ ރައްޔިތުންނަށް ހިދުމަތް ދީ، އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ކުރަމުންދާ އުއްމީދުތަކުގައި ކުލަޖެއްސުމުގެ ގޮތުން، އިމިގްރޭޝަންގެ އޮފިސަރުން އިއްޔެގެ ހެނދުނު 09:00 ން 17:00 އަށް އަދި 20:30 އިން 23:30 އަށް ހިދުމަތް ދީފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އީދު ފަދަ ޗުއްޓީތަކާއި ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންގެ އަދަދު އިތުރުވެއެވެ. އެހެންކަމުން އެފަދަ ފަރާތްތަކުން ޕާސްޕޯޓަށް އެދި ހުށަހަޅާ މިންވަރުވެސް ކޮންމެ އަހަރަކުވެސް އިތުރުވެގެން ދެއެވެ. ހާއްސަކޮށް މިއަހަރު ފާހަގަ ކުރެވިފައިވަނީ، ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޗުއްޓީއަށް ބޭރު ގައުމުތަކަށް ދަތުރުކުރަން ދަތިވި ގިނަބަޔަކު ވެސް ޗުއްޓީތައް ރާވައިގެން ދަތުރުތައް އިންތިޒާމުކޮށްފައިވާ އަހަރެއްގެ ގޮތުގައެވެ.

ރާއްޖޭގައި މިހާރު ބޭނުން ކުރާ ޕާސްޕޯޓަކީ މި ސަރަހައްދުގައި ވެސް އެންމެ ވަރުގަދަ އެއް ޕާސްޕޯޓެވެ. ވިސާ ހޯދުމެއް ނެތި ރާއްޖޭގެ ޕާސްޕޯޓުގައި 85 ގައުމަށް މިހާރު ދަތުރު ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު