އދ. ގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު
އދ. ގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު
މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ބައްދަލު ކޮށްފައިވަނީ ދުނިޔޭގައި ހަމަނުޖެހުން ހިނގަމުންދާ ހިތްދަތި ދަނޑިވަޅެއްގައި ކަމަށް، ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މިއަދު ދެއްވި ހުތުބާގައި އދ. ގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހުތުބަގައި ޝާހިދު ވިދާޅުވީ، މި ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުވެފައިވަނީ ވަރަށް ހިތްދަތި ދަނޑިވަޅެއްގައި ކަމަށާއި ވަށައިގެން ހަމަނުޖެހުންތައް ދަނީ ހިނގަމުން ކަމަށާއި އަދި ވަށައިގެން ފެންނަމުންދަނީ ފަގީރުކަން ކަމަށެވެ.

"އަޅުގަނޑުމެންގެ ވަށައިގެން ފެންނަނީ ފަގީރުކަން. އިންސާނުންގެ ވޭންތަކާއި ކެކުޅުންތައް އިންތިހާއަށް ގިނަ. އަޅުގަނޑުމެންގެ އަމިއްލަ ބާރު ނުހިނގާ ކަންކަމުގައި ބައެއް ފަހަރަށް މާޔޫސްކަން އިހުސާސްކުރެވޭތަން އާދޭ. ކަންކަން ހެޔޮމަގަށް އިސްލާހުކޮށް ބަދަލުކުރުމަށް އަޅުގަނޑުމެން މިތިބެނީ ކެތްމަދުވެފައި." ހުތުބާގައި ޝާހިދު ވިދާޅުވިއެވެ.

މިފަދަ ރަމަޟާން މަހެއްގައި މުސްލިމުން ސަމާލުވާންޖެހޭ ގިނަ ކަންތައްތަކެއް ވިދާޅުވެދެއްވި އެ ހުތުބާގައި ޝާހިދު ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން މަހަކީ އަބަދުވެސް ކެތްތެރިކަން އިސްކުރުމަށް މުސްލިމުންނަށް ހަނދުމަކޮށްދޭ މަހެއް ކަމަށެވެ. އަދި ރަމަޟާން މަސް ދަސްކޮށްދެނީ އަމިއްލަ ހަވާނަފުސަށް ތަބާނުވެ ރައްކާތެރިވެގެން ތިބުމަށް ކަމަށާއި އަދި ކުށްފާފަތަކަށް އަރައިނުގަނެ ކެތްތެރިކަމާއެކު ތިބުމަށް ކަމަށްވެސް ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އެއީ އަމިއްލަ ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި ވެސް ބޭނުންކުރެވޭނެ މުހިންމު ފިލާވަޅުތަކެއް ކަމަށެވެ.

ކޮންމެ ހުކުރު ދުވަހަކު އދ.ގެ މައި މަރުކަޒުގައި އިސްލާމީ ގައުމުތަކުގެ މަންދޫބުންނާއި، އދ. ގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުން ޖަމާއަތުގައި ހުކުރު ނަމާދު ކުރެއެވެ. މިއީ މިނިސްޓަރ ޝާހިދު އދ.ގެ މައިމަރުކަޒުގައި އިމާމްވެ ހުކުރު ނަމާދު ކުރެއްވި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ އދ.ގެ އާންމު މަޖިލީހުގެ ރައީސަކު އެ ޖަމްއިއްޔާގެ މައި އިދާރާގައި އިމާމްވެ ހުކުރު ކުރެއްވިވެސް ފުރަތަމަ ފަހަރުވެސް މެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން