އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ދެމެދު މިހާރު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަށް ވާހަަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެެ.

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ މީޑިއާއަކަށް ދެއްވި އިންޓަވިއު އެއްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައީސް ޞާލިހާއި އެމަނިކުފާނާ ދެމެދުގައި އެކި މައްސަލަތަކުގައި ހިޔާލު ތަފާތުވުންތައް އެބަ އޮތް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް ސާލިޙު ބޭނުންފުޅު ވަނީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިޙާއިމެދު ޒާތީ އެެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެ ދެބޭފުޅުންގެ މެދުގައި ވާހަކަ ދައްކަވައިގެން ހައްލުނުވާނެ ވަރުގެ ކަމެއް އަދި ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި އިންޓަވިއުގައި ރައީސް ނަޝީދު ވަނީ އެމްޑީޕީން ބޭނުން ނަމަ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވާނެކަން ހާމަކުރައްވާފައެެވެ. އެމްޑީޕީގެ މެމްބަރުން ނިންމާ ކޮންމެ ނިންމުމަކަށް އިހްތިރާމް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްއެއް ބޭއްވުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަޝްވަރާ އޮންނާނީ އެ ކޮންގްރެސްގައި ކަމަށް ނަޝީދު ވިދާޅުވި އެވެ. ރާއްޖެއަށް ބޭނުންވަނީ ބަރުލަމާނީ ނިޒާމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅު މި އިންޓަވިއުގައި ވެސް އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.

ދާދިފަހުން ރައީސް ނަޝީދު ވަނީ އެމްޑީޕީ މިހާރު އޮތް ކޯލިޝަން ސަރުކާރުން ވަކިވުމަށް ވެސް ގޮވާލައްވާފައެވެ. އޭގެފަހުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއާއި އެމަނިކުފާނު ވެސް ބޭނުންފުޅުވަނީ ވަރަށް އާދައިގެ ކަމެއް ކަމަށެވެ. އެއީ އެއްވެސް ސަރުކާރަކުން ހިޔާނަތްތެރި ނުވުމާއި އެކަކު އަނެކަކު ތަފާތު ނުކުރުމާއި އަނިޔާވެރި ނުވުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީގެ މައްސަލައާއި ވެންޓިލޭޓަރުގެ މައްސަލަ ބެލުން އެއީ އިތުބާރު ލިބޭނެ ކަންކަން." ކުރީގެ ސަރުކާރާއި މި ސަރުކާރުގެ ޚިޔާނާތުގެ މައްސަލަތައް ނުބާލާ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސާލިޙާއި ރައީސް ނަޝީދާއި ދެމެދު މީގެކުރިން ވެސް ޚިޔާލުތަފާތުވުންތައް އޮތްކަން އެނގިފައިވާއިރު ދެބޭފުޅުންގެ މި ޚިޔާލު ތަފާތުވުންތައް އެންމެ ބޮޑަށް ހާމަވެގެން ގޮސްފައިވަނީ ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ގުޅިގެންނެެވެ. އެ އިންތިޚާބުގައި ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެެ. ދެފެކްޝަނަށް ބައިވެފައިވާ އެމްޑީޕީގެ މެންބަރުންގެ ތެރެއިން އިމްތިޔާޒު ފަހުމީގެ ޓީމުން ހާމަކުރާ ގޮތުންނާއި ފެންނަ މަންޒަރުތަކަށް ބަލާއިރު އިމްތިޔާޒު އިންތިޚާބުގައި ވާދަކުރަށްވަނީ ރައީސް ނަޝީދުގެ ތާއީދާ ރުހުމާއި އެކުއެވެ. ފައްޔާޒުގެ ޓީމުން އާންމުކޮށް ފެންނަނީ ސަރުކާރަށާއި ރައީސް ޞާލިޙަށް ތާއީދުކުރާ މެންބަރުންނެވެ. އަދި އެޓީމުން ބޮޑަށް ވަކާލާތު ކުރަމުން ގެންދަނީ ސަރުކާރު ދެމެހެއްޓުމާއެކު އަންނަ 2023ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދީ އިތުރު ދައުރަކަށް ރައީސް ޞާލިހު ވެރިކަމުގައި ބެހެއްޓުމަށެވެ.



ކިޔުންތެރިންގެ ހިޔާލު


-10

ކިނބޫ

02-May-2022

ޚިޔާލު ތަފާތުވުމެއް އެބައޮތްތަ! ކަލޭ ހީކުރީ ކަލޭމެން ކުޅޭ ޑްރާމާއަށް ހެއްލިފަ ކމައްތަ އަހަރުން ތިބީ. ހެހެކެކެ. މީތި ހީކުރާގޮތް އުތަ! ކަލޭމެންނަށް ހެއްދޭނީ ރީނދޫ ގުންޑާއިން.