--
--
މި އަހަރުގެ ފިތުރު އީދު ނަމާދު ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިރޭ ވަނީ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް އެންމެހާ ރައްޔިތުންނަށް ދައުވަތު ދީފައެވެ. ސިންތެޓިކް ޓްރެކް ދަނޑުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ދަނޑުގެ އިރުމަތިފަޅި ހާއްސަ ކޮށްފައިވަނީ އަންހެނުންނަށެވެ. ހަމަ އެދިމާގައި އަންހެނުންނަށް ވަދެނުކުމެ ހެދޭގޮތަށް އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ދަނޑުގެ އުތުރާއި ދެކުނުފަޅިން ފިރިހެނުންނަށް ވަދެވޭގޮތަށް ހަމަޖައްސާފައިވާއިރު ވުޟޫކުރަން ހަމަޖައްސާފައިވަނީ ދަނޑުގެ ދެކުނު ފަޅިއެވެ. އެޗްޑީސީން އާންމުކޮށްފައިވާ ގޮތުގައި، ނަމާދަށްފަހު ހާއްސަ އީދު ސައެއްވެސް ކުރިޔަށްދާނެއެވެ.

އީދު ނަމާދު ބޮޑު ޖަމާއަތުގައި މައިދާނުގައި ކުރަން ހަމަޖެހިފައިވާތީ، އެ ސަރަހައްދުގެ ޓްރެފިކަށްވެސް އެޗްޑީސީން ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. އެޗްޑީސީން ބުނީ، 1 މެއި 2022 ގެ 00:00 އިން ފެށިގެން 2 މެއި 2022 ގެ 12:00 އާއި ހަމައަށް، ނަމާދުކުރުން އޮންނަ ދަނޑުގެ އިރުމަތިން ރެޑްވޭވް ފިހާރައިގެ ކުރިމަތީ އޮންނަ މަގުގައި ދަނޑާއިވީ ފަޅީގައި ޕާކުކުރުން މަނާވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު