ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ސްޕަރމާޓުގެ ނަމުގައި އޮޅުވާލައިގެން ޕްރޮމޯޝަނެއް ކުރިޔަށް ގެންދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ.

އެ ކުންފުނިން މިރޭ ބުނީ، އެސްޓީއޯ ސްޕަރމާޓުގެ ނަމުގައި ފައިސާގެ އިނާމު ލިބޭފަދަ ޕްރޮމޯޝަނެއް މީސްމީޑިއާގައި ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެއީ އޮޅުވާލުމެއް ކަމަށާއި، ކަސްޓަމަރުންނަށް އިނާމު ލިބޭފަދަ އޮންލައިން ޕްރޮމޯޝަންތައް އެސްޓީއޯއިން ކުރިޔަށް ގެންދާނީ އެސްޓީއޯގެ ރަސްމީ ފޭޖުންކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އަދި ޕްރޮމޯޝަނެއްގައި ބައިވެރިވެ، އިނާމެއް ހަވާލު ކުރުމަށް އެސްޓީއޯއިން ކަސްޓަމަރުންނަށް ގުޅަމުންދާނީ ކޯލްސެންޓަރުގެ ނަންބަރު 1422 އިން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެހެންކަމުން، ރައްޔިތުންނަށް އޮޅުވާލައިގެން ގެއްލުން ދިނުމުގެ އެފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ ކުންފުނިންވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖޭގައި މަކަރާއި ހީލަތުން ފައިސާ ފޭރުމުގެ އަމަލުތައް މި ފަހަކަށް އައިސްވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. ހާއްސަކޮށް މީސްމީޑިއާގެ އެކި ވަސީލަތްތަކާއި ކޭޝްކާޑުގެ ޒަރިއްޔާއިން މިފަދަ އޮޅުވާލުމުގެ އަމަލުތައް ހިންގާ މިންވަރުވަނީ އިތުރުވެފައެވެ.

މިފަދަ ހާދިސާތަކުގައި ބައެއް ފަރާތްތަކުން ގިނަ ދުވަހުން ރައްކާކޮށްފައި ހުންނަ ހުރިހާ ފައިސާކޮޅު އެއްފަހަރާ ފޭރިގަތުމުގެ އަމަލުތައް ވެސް ހިނގާފައި އެބަހުއްޓެވެ.



ކިޔުންތެރިންގެ ހިޔާލު