އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، އެހެން ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް‏ މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މެއި މަހުން ފެށިގެން ޓީޗަރުންނާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޓީޗަރުންގެ މުސާރައަށް ގެނައި މި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް ކަމަށާއި އަދި މިއީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިންނަށް ޙައްޤުވާ މިންވަރު ހޯދައިދިނުމުގެ ފެށުމެއްކަން ފާހަގަކުރެއްވިއެވެ.

"ޓީޗަރުންގެ މުސާރައަށް މިއަދު މިގެނައި ބަދަލުގެ އެންމެ މުހިންމު ބޭނުމަކީ، އިތުރު ގަޑީގެ ފައިސާއާ ނުލައިވެސް، އެކަށީގެންވާ ރަނގަޅު އުޖޫރައެއް ގެއަށް ގެންދަން ލިބޭނެވަރު ކޮށްދިނުން. މިހާތަނަށް އިތުރު ގަޑީގެ ފައިސާއާއެކީގައި ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް، މިގެނައި ބަދަލާއެކު، ހަމައެކަނި މުސާރައާއި ޢިނާޔަތްތަކުންވެސް ލިބޭނެ. އަލަށް މިއެކުލަވައިލި، ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގެ ސަބަބުން، ޓީޗަރުކަމުގެ ފަންނުން އިތުރަށް ކުރިއަށް ދެވޭނެ މަގު ދައްކައިދޭނެ" ރައީސް ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ދިރާސާކުރަމުން އަންނަކަން ހާމަކުރައްވާފައެވެ. މީގެ އިތުރުންވެސް، މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމަށް، އަދި އުޖޫރައިގެ ތަފާތުތައް ނައްތައިލުމަށް ފަށާފައިވާ މަސައްކަތް ނިމޭއިރު، އެހެން ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް، ހެޔޮ ބަދަލުތަކެއް އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



"އިރާދަކުރެއްވިއްޔާ މިއީ ހެޔޮ ސާޢަތެއްގައި ފެށުނު ހެޔޮ މަސައްކަތެއް. ޤައުމު ބިނާކުރުމުގައި އަދި ޤައުމަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި، ތަޢުލީމީ ދާއިރާއިން ފެށިގެން ޞިއްޙީ ދާއިރާއާ އަދި އެނޫން ދާއިރާތަކުންވެސް، ޤައުމާއި ރައްޔިތުންގެ ޚިދުމަތުގައި ރެޔާއި ދުވާލު، އަވަދިނެތި އުޅުއްވާ ޚިދުމަތްތެރިން ރާއްޖޭގައި ވަރަށް ގިނަ. މިގޮތުން، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން އެކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެން ހަނދާން ނައްތައެއް ނުލަން. ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު އަޅުގަނޑުމެން މިއަންނަނީ ދިރާސާކުރަމުން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ޤާނޫނީ ގޮތުން ކަނޑައަޅައި އެކަން ތަންފީޒު ކުރުމާއި، ޓީޗަރުންގެ މުސާރައަށް މިއަދު ގެނައި ބަދަލަކީ، ޙައްޤުވާ މިންވަރަށް އުޖޫރަ ހޯދައިދިނުމަށް ފެށި މަސައްކަތުގެ ވަރަށް މުހިންމު ދެބައިކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބަދަލުތައް ގެނައުމުގެ އެންމެ މުހިންމު ބޭނުމަކީ، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުންކަމުގައި އެމަނިކުފާނި ވިދާޅުވިއެވެ.



"ސުލްޙަވެރި ހަމަޖެހޭ އަމާން ދިރިއުޅުމަކުން ހޯދޭ އިޤްތިޞާދީ ފޯރުންތެރިކަމުގެ ލާބަ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިދިނުމުގެ މަސައްކަތް، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ކުރިއަށް ގެންދާނަން. މިފަދަ ބަދަލުތައް ގެނައުމުގެ އެންމެ މުހިންމު ބޭނުމަކީ، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުން" ރައީސް ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައަށް ގެނައި މި ބަދަލާ އެކު މިހާތަނަށް އިތުރު ގަޑީގެ ފައިސާއާއެކީގައި ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް، ހަމައެކަނި މުސާރައާއި ޢިނާޔަތްތަކުންވެސް ލިބޭނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޓީޗަރުންގެ މުސާރައަށް ގެނައި މި މި ބަދަލަކީ ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެން ނެތުމުގެ މައްސަލައަށް ޙައްލު ހޯދުމުގައި ވެސް އިތުރު ބާރަކަށް ވެގެންދާނެ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު


-6

އަސްލަމު

02-May-2022

ކޮބާ ސުކޫލް ތަކުގައި މަސައްކަތް ކުރާ މަސައްކަތު މީހުންގެ ހައްގު މިއީ ވެސްބުރަކޮކޮށް އުޅޭ މުވައް ޒަފުން މިމީހުންގެ ހައްގު ނެތީތޯއެވެ. ކޮންމެ ސަރުކާރަކުންވެސް ދައުލަތުގެ އެންމެ ދަށް ވަޒީފާ އަދާކުރާ މީހުންނާއި މެދު އަޅާލުމެއް ނެތްކަން ގަބޫލު ކުރެވެއެވެ. އެކަމަކު ވޯޓް ބޭނުންވީމަ ނިކަމެތި މީހާގެ ފައި ބުޑަށް ވެއްޓޭހިސާބަށް ދާފަހަރު އާދެއެވެ. ކޮބާ ލަދު ހަޔާތަކީ؟