ތައުލީމީ ދާއިރާގެ މުވައްޒިފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުކުރިނަމަވެސް ބަޖެޓްގެ ޑެފިސިޓް މިހާރު އޮތް ވަރަށް ވުރެ ބޮޑުނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ބޮޑުކުރުމުން ދައުލަތުގެ ބަޖެޓުން އިތުރު 488 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވީ ޕްރިންސިޕަލުންގެ މުސާރައަށް އައި ބަދަލާއެކު އަހަރު 31.3 މިލިއަން ރުފިޔާ އަދި ޑެޕިއުޓީންގެ މުސާރައަށް އައި ބަދަލާއެކު 4.4 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށެވެ. ޓީޗަރުންގެ މުސާރައަށް އައި ބަދަލާއެކު 419.6 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުވާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

"ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީ އަށްވުރެ ރަނގަޅު އާމްދަނީ އެއް ލިބެމުން އެބަދޭ. މިހާރު ބަޖެޓްގައި ހިމެނިފައި އިން ޑެފިސިޓް އިތުރަށް ބޮޑުވެގެންދާތަނެއް އަޅުގަނޑަކަށް ނުފެނޭ. މިސާލަކަށް ސަޕްލިމެންޓްރީ ބަޖެޓެއް އެހެންނޫނީ އެކަހަލަ ކަމެއް ނުކުރާހާ ހިނދަކު އިތުރަށް ބޮޑުވެގެންދާތަނެއް އަޅުގަނޑަކަށް ނުފެނޭ ބަޖެޓްގެ ސްޓަރަކްޗާގެ ތެރެެއިން ކުރާ ކަމެއް މިއީ." ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ 2022 ވަނަ އަހަރުގެ ބަޖެޓްގައި ބޮޑުކުރި ޓީޗަރުންގެ މުސާރަތަކާއި މިނިމަމް ވޭޖް ދިނުމަށް ބޭނުންވާ ފައިސާ ބަޖެޓް ކޮށްފައިވާ ކަމަށެވެ. އެގޮތުން މިނިމަމް ވޭޖް ދިނުމަށް 200 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާއިރު އާ މުސާރައިގެ އޮނިގަނޑަށް މުސާރަ ދިނުމަށް 300 މިލިއަން ބަޖެޓް ކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

"ޖުމުލަކޮށް މިނިމަމް ވޭޖާ، އާ ފުރޭމް ވާކަށް ހިޖުރަ ކުރުމަށް އަޅުގަނޑުމެން 2022 ވަނަ އަހަރުގެ ބަޖެޓްގައި މިހާރު ވެސް ހިމަނާފައިވާނެ 500 މިލިއަން މެއި މަހުން ފެށިގެން ޑިސެންބަރާއި ހަމަޔަށް މި ފާހަަގަކުރެވެނީ ބަޖެޓްގެ ތެރެއިން މިކަން ކުރެވޭނެ ކަމަށް. އިތުރު ފައިނޭންސިން ހޯދުމަށްޓަކަައި ބަޖެޓްގެ ބޭރުން މަސައްކަތްތަކެއް ނުކުރާނެ، އެއީ ބަޖެޓް ކޮށްފައިވާ ފައިސާ." އަމީރު ވިދާޅުވިއެވެ.

މިއަދު މުސާރަތަކަށް ގެނައި ބަދަލާއެކު ގިނަ ޓީޗަރުންގެ މުސާރަ 20،000 ވުރެ ވަނީ ބޮޑުކޮށްފައެވެެ.

މީގެ އިތުރުން ޕްރިންސިޕަލުންގެ މުސާރައަށް ވެސް ވަނީ ބޮޑު ބަދަލެއް ގެނަސްފައެެވެ. އެގޮތުން ރޭންކް އެކެއްގައި ހިމެނޭ ޕްރިންސިޕަލުންގެ މުސާރަ 29،445 ރުފިޔާ އަށް ވަނީ ބޮޑުކޮށްފަައެެވެ. ކުރީން މިރޭންކްގެ ބޭފުޅުންނަށް ލިބެމުން އައީ 16،214 ރުފިޔާ އެވެ. މިއީ 82 ޕަސެންޓްގެ ކުރިއެރުމެވެ.

އަދި ރޭންކް ދޭއްގައި ހިމެނޭ ޕްރިންސިޕަލުންގެ މުސާރަ 31،816 ރުފިޔާ އަށް ބޮޑުކޮށްފައިވާއިރު ކުރީން އެ ޕްރިންސިޕަލުންނަޑް ލިބެމުން އައީ 20،049 ރުފިޔާގެ މުސާރަ އެެކެވެ. މިއީ 59 ޕަސެންޓްގެ ކުރިއެރުމެވެ. މުސާރަ އަށް ގެނައި ބަދަލާއެކު ރޭންކް ތިނެއްގައި ހިމެނޭ ޕްރިންސިޕަލުންނަށް 34،103 ރުފިޔާ ލިބޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު