ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން ޕީޕީއެމް އޮފީހުގެ އިމާރާތުގައި ހަރުކުރި ދެވަނަ އިންޑިއާ އައުޓް ބެނާ ފުލުހުން ރޭ ދަންވަރު ނަގައިފިއެވެ.

ޕީޕީއެމް އޮފީހުގައި ހަރުކުރި ދެވަނަ ބެނާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ އިމާރާތަށް ވަދެ ނަގާފައިވަނީ ރޭ މެންދަމުން އަލިވެ 03:30 ހާއިރުއެވެ. ކްރިމިނަލް ކޯޓުން ނެރުނު އެ އަމުރުގައި ބުނެފައިވަނީ "އެ ބެނާގައި އިންޑިއާގެ ގައުމީ ދިދައިގެ ކުލަތަކާއި ނިޝާން ރަމްޒުވާ ގޮތަށް ލިޔެފައިވުމުންނާއި" އެފަދަ ބެނާއެއްގައި "އައުޓް" ޖަހާފައި ވުމުން ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން، "އިންޑިއާ އައުޓް" ކެމްޕޭނުގައި މީގެ ކުރިން ދެމި ބެނާތައް ނެގުމަށް ކޯޓުން އަމުރު ނެރުނު ފަހުން، "އިންޑިއާ"ގެ ނަމުގެ އަކުރުތައް ބަދަލުކޮށްގެން ބެނާ ދަމާ، އެ މަންޒަރު ސިފަވާ ފަދަ ގްރެފިޓީ ބޭނުން ކުރަނީ ކޯޓު އަމުރަށް ގޮންޖަހައި، ނުސީދާ ގޮތުން އެ ޝިއާރު ފާޅުކުރުމަށް ކަމަށް ބެލެވެން އެބަ އޮތް ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެއެވެެ.

މި މަހުގެ 21 ވަނަ ދުވަހު ވެސް ފުލުހުން ވަނީ ޕީޕީއެމް އޮފީހާއި، ކުރީގެ ރައީސް ޔާމީންގެ އަމިއްލަ ގެކޮޅުގައި ނަގާފައި ހުރި "އިންޑިއާ އައުޓް" ބެނާ ނަގާފައެވެ. އެ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ކަނޑައަޅުއްވައި އެ ހަރާކާތް ހުއްޓުވުމަށް ކަމާ ބެހޭ މުވައްސަސާތަށް އަންގަވާފައެވެ.

އެ ގަރާރު ބާތިލް ކުރުމަށް އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ ސިވިލް ކޯޓަށް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު