ތައުލީމީ ދާއިރާގެ ބޭފުޅުންގެ ހިތްތައް އުޖާލާވެ، ނޫރާނީ އަލިން ވިދާލައިފިކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ މުސާރަތަކަށް މިއިން ދުވަހަކު ނުގެންނަވަރުގެ ކުރިއެެރުމެއް ރައީސް ޞާލިހު ގެނެސްދެއްވުމުންނެވެ.

ޝާހިދު ވިދާޅުވީ މުދައްރިސުންގެ މުސާރައަށް ރައީސް ޞާލިހު ގެނެސްދެއްވި ކުރިއެރުމަކީ ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ދޭހަވާ އަލިގަދަ ހެއްކެއްކަމަށެވެ، އަދި މިކަމުގެ ސަބަބުން ތައުލީމީ ދާއިރާއަށް ނިސްބަތްވާ ފަރާތްތަކަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާކަމަށް ވިދާޅުވެ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަނީ ޝުކުރު ދަންނަވާފައެވެ.

"ތަޢުލީމީ ދާއިރާއަށް ފަހިކަމާއި، އާރޯކަން ގެނުވައި، މުޅި ދާއިރާއަށް ނިސްބަތްވާ ބޭފުޅުންގެ ހިތްޕުޅުތައް އުޖާލާވެ، ނޫރާނީއަލިން ވިދާލި މިތަންވަޅު ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން." ޝާހިދު ވިދާޅުވިއެވެ.



ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ 8889 މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްފަހު ސަރުކާރުން ވަނީ އެކަމުގެ ތަފްސީލްތައް އިއްޔެ ހާމަކުރައްވާފައެވެ. މިގޮތުން ޓީޗަރުންނާއި ޑެޕިއުޓީ ޕްރިންސިޕަލުން އަދި ޕްރިންސިޕަލުންގެ މުސާރަ ވަނީ 50 އިންސައްތަ އާއި 80 އިންސައްތައާ ދެމެދުގެ އަދަދަކަށް ބޮޑުކޮށްފައެވެ.

ސަރުކާރުން ބުނީ މިކަމަށް ދައުލަތުގެ ބަޖެޓުން އަހަރަކު 488 މިލިއަން ރުފިޔާ އިތުރަށް ޚަރަދުވާނެކަމަށެވެ.

ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ސަރުކާރުން ބަދަލުގެނެސްފައިވާއިރު މިއީ ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށްވެސް ލިބޭނެ އިތުރު ބާރަކަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު