ޗައިނާއިން އުޅެނީ ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސައިގެން ކަމަށް ބުނެ ދޮގު ވާހަކަތައް ދައްކަމުންދަނީ ކޮން ނިޔަތެއް އޮވެގެންކަން ދިވެހިރައްޔިތުންނަށް އެނގޭނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގ ލިޒިންގ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވެފައި މިވަނީ ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަކީ ދަރަނި ދަންތުރަތަކެއްގެ ގޮތުގައި ސިފަ ކުރައްވައި، ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅުދައްކަވާފައިވަނިކޮށެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުތަކާއި ގުޅިގެން ޗައިނާ ސަފީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޗައިނާ ކުންފުނިތަކުން ރާއްޖޭގައި ހިންގާ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތަކުގެ މިލްކުވެރިކަން އޮންނާނީ ދިވެހި ދައުލަތުގައިކަމަށެވެ. އަދި ޗައިނާއިން ރާއްޖޭގެ ބިން ފޭރުމަށް އެއްވެސް އިރަކު މަސައްކަތެއް ނުކުރާކަމަށް ސަފީރު ވިދާޅުވި އެވެ.



ޗައިނާ ސަފީރުގެ ބަޔާނުގައި ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެނީ ދިވެހި ސަރުކާރުން އެކަމަށް އެދުމުން، ދެ ފަރާތަށްވެސް ފައިދާވާނެ ގޮތްތަކުގެ މައްޗަށް ބަލައިގެންކަމަަށެވެ. އަދި ކޯވިޑާއި ގުޅިގެން ރާއްޖެއަށް ދަރަނި ދެއްކުމަށްވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސަފީރުގެ ބަޔާނުގައި ވިދާޅުވީ ޗައިނާއިން ލޯނު ދެނީ ނާޖާއިޒު ފައިދާތަކެއް ނަގަންކަމަށް ބުނެ ދައްކާ ވާހަކަތަކަކަކީ ޗައިނާއާއި އެހެން ގައުމުތަކުގެ ގުޅުންތަކަށް ބުރޫ އެރުވުމުގެ ނިޔަތުގައި ކުރަމުންދާކަމެއް ކަމަށެވެ. އަދި ޗައިނާއާ ގުޅިގެން ހިންގާ ޕްރޮޖެކްޓްތަކުން ރާއްޖެއަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު، ޗައިނާއިން އުޅެނީ ރާއްޖެ ދަރަނި ދަންތުރައެއްގައި ޖައްސައިގެން ކަމަށް ބުނެ ދޮގު ވާހަކަތައް ދައްކަމުންދަނީ ކޮން ނިޔަތެއް އޮވެގެންކަން ދިވެހިރައްޔިތުންނަށް އެނގޭނެކަމަށް ޗައިނާ ސަފީރުގެ ބަޔާނުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު