ދުނިޔޭގެ ނޫސްވެރިކަމުގެ ހާލަތު ހާމަކޮށްދިނުމަށް "ރިޕޯޓާސް ވިތައުޓް ބޯޑަރސް" އިން ކޮންމެ އަހަރަކު ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަނެއްކާވެސް ފަހަތަށް ސޮއްސާލައިފިއެވެ.

މިއަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ދައްކާގޮތުން ރާއްޖެ އޮތީ 180 ގައުމު ހިމެނޭ ލިސްޓުގެ 87 ވަނައިގައެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 72 ވަނައިގައެވެ. އެހެންކަމުން މިއީ 15 ދަރަޖައިގެ ވެއްޓުމެކެވެ.

ރާއްޖެއަށް ލިބުނު ޕޮއިންޓަށް ބަލާއިރު މިދިޔަ އަހަރު 70.87 ޕޮއިންޓް ލިބުނުއިރު، މިއަހަރު ލިބުނީ 59.55 ޕޮއިންޓެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ލިސްޓުން ރާއްޖެއަށް 87 ވަނަ ލިބުނުއިރު، އިސްރާއީލާއި އެފްރިކާގައި ދާހިލީ ހަމަނުޖެހުންތައް ހިނގާ ޤައުމުތައް އުޅެނީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއަށްވުރެ ކުރީގައެވެ.

މި ރިޕޯޓުގައި ވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ކަމާއިބެހޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅުތައް ނާޅާކަން ފާހަގަކޮށްފައެވެ. އެގޮތުން މިހާތަނަށް އައިއިރު އެއްވެސް ފަރާތަކަށް ފިޔަވަޅެއް އެޅިފައިނުވާއިރު، މިމައްސަލަ ބެލުމަށް 2018 ވަނަ އަހަރު މި ސަރުކާރުން ޤާއިމްކުރި ކޮމިޝަނުންވެސް މިކަމުގައި އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދީފައިނުވާކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގައި ޖެހިފައިވާ ލަތްގަނޑެއްކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ރާއްޖޭގައި ހަރަކާތްތެރިވާ އަންހެން ނޫސްވެރިންނަށް ފުރައްސާރަކުރުމުގެ އަމަލުތައްވެސް މިހާރު ފެންނަމުންދާކަން މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު