މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް
މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް
ދައުލަތަށް ލިބޭ ޓެކުސް ފައިސާއިން އިންވެސްޓް ކޮށްގެން ރާއްޖޭގެ ފަގީރުކަން ނައްތާލެވިދާނެކަމަށް ވިދާޅުވެ ރާއްޖޭގެ އިގުތިސާދު ރަނގަޅު ކުރެވިދާނެ ގޮތްތަކެއް، މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެދެއްވައިފިއެވެ.

ރާއްޖޭގައި ތިބި ފަގީރުންގެ ނިސްބަތް މަދު ކުރުމަށާއި ރާއްޖެއިން ފަގީރުކަން ނައްތާލުމަށް ޒަކާތާއިބެހޭ އިދާރާއެއް އުފައްދާ، އިންވެސްޓް ކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގޮވާލެއްވުމާއި ގުޅިގެން އެވާހަކައާއި ގުޅުވައި ޝަރީފް ވިދާޅުވީ، ދައުލަތަށް ލިބޭ ޓެކުސް ފައިސާއިން އިންވެސްޓް ކޮށްގެން ރާއްޖޭގެ ފަގީރުކަން ނައްތާލެވިދާނެ ކަމަށެވެ.

އަދި ފަގީރުކަން ނައްތާލުމަށް ރާއްޖޭގައި މިއޮތް ގުދުރަތީ މާހައުލުގެ ބޭނުންހިފައި އިތުރު 10 އިންސައްތަ މައްޗަށް ޖައްސާލައި، އެއާއެކު ދައުލަތުންކުރާ ވިޔާފާރި ހުއްޓާލައި، ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކުރަން ޖެހޭނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ހާލަތު ބަދަލު ކުރުމުގައި ހުރި ބައެއް ދަތިތައް އޭނާވަނީ ހިއްސާ ކުރައްވާފައެވެ. ޝަރީފް ވިދާޅުވީ، ރާއްޖެއަށް އިންވެސްޓްކުރެވޭ ފައިސާއިން އެންމެ އެދެވޭ ބޭނުން ނުހިފޭކަމަށާއި އެގޮތުން އިންވެސްޓް ކުރެވޭ ފައިސާގެ ބޮޑުބައެއް ދަނީ އެކަމުގައި އުޅޭ ފަރާތްތަކުގެ އަމިއްލަ ޖީބަށްކަމަށެވެ.

"ޗައިނާއިން 1.5 ބިލިއަން ޑޮލަރު، އިންޑިއާއިން 1.3 ބިލިއަން ޑޮލަރު. މިފައިސާ ރާއްޖެއަށް އިންވެސްޓް ކުރެވުނުއިރު އޭގެ 30 އިންސައްތަ އެޅުނީ ލޯނުން ކުރާނެ ކަންކަން ނިންމި މީހުންގެ ޖީބަށް. 2.8 ބިލިއަން އިންވެސްޓް ކޮށްގެން ޓެކުސް ފައިސާއިތުރުނުވޭ. އަނބުރާ ދައްކަންޖެހެނީ މިހާރު ލިބޭ ޓެކުސް ފައިސާއިން." ލޯނު ނަގައިގެން ހޭދަ ކުރާ ގޮތުގެ ތަސައްވަރެއް އާންމު ކުރަށްވަމުން ޝަރީފް ވިދާޅުވިއެވެ.



ޝަރީފު މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖެއަށް އިންވެސްޓްކުރާ ފައިސާއާއި އެކި ކަންކަމަށް ޚަރަދުކުރާ ފައިސާގެ ބޮޑުބައެއް ކޮރަޕްޝަންގެ ގޮތުގައި ފޭދިގެން އެކި ފަރާތްތަކުގެ ޖީބުތަކަށް ދާކަމުގެ ވާހަކައަކީ މިސަރުކާރަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވެސް ދައްކަމުން އަންނަ ވާހަކައެކެވެ. އެގޮތުން ކުރީ ސަރުކާރުގައި ހިނގާދިޔަ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ މީގެ މިސާލެއްގެ ގޮތުގައި ގިނަ ބަޔަކު ނަގާ އެއް މިސާލެވެ. އޭގެ މަންފާ ކުރިއާ މިހާރުގެ އިސް ބޭބޭފުޅުންނަށް ކޮށްފައިވާކަން މިހާތަނަށް ލިބިފައިވާ މައުލޫމާތު ތަކުން އެނގެއެވެ.

މިފަދަ ބޮޑެތި ޚިޔާނާތްތަކުން ގެއްލޭ ފައިސާ ތަކުގެ ސަބަބުން ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ކުރިއެރުމަށް ކުރާ ކަންކަމަށް ވަރަށް ބޮޑަށް ހުރަސްއެޅޭކަން މާލީ ތަޖުރިބާކާރުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު