ގައުމީ ޔުނިވަރސިޓީތަކުގެ ލެކްޗަރާއިންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އޮފިޝަލަކު މިހެން ވިދާޅުވެފައި މިވަނީ، ޓީޗަރުންގެ މުސާރަ ބޮޑުކުރިއިރު، ޔުނިވަރސިޓީތަކުގެ ލެކްޗަރާއިންގެ މުސާރައަށް ބަދަލު ނާންނާތީ ބައެއް ފަރާތްތަކުން އެކަމާއި ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ގައުމީ ޔުނިވަރސިޓީތަކުގެ ލެކްޗަރާއިންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި އެކަން ކުރަންޖެހޭނީ ޔުނިވަރސިޓީގެ ކައުންސިލްގެ ލަފާގެ މަތިންކަމަށެވެ. އަދި އެކަން އެގޮތަށް ކުރިއަށްދާނޭކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވީ ޓީޗަރުންނަކީ އެންމެ ބުރަކޮށް އެންމެ ގިނައިރު މަސައްކަތްކުރާ މީހުންކަންވެސް ގަބޫލުކުރަންޖެހޭކަމަށެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ 8889 މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްފަހު ސަރުކާރުން ވަނީ އެކަމުގެ ތަފްސީލްތައް ހާމަކުރައްވާފައެވެ. މިގޮތުން ޓީޗަރުންނާއި ޑެޕިއުޓީ ޕްރިންސިޕަލުން އަދި ޕްރިންސިޕަލުންގެ މުސާރަ ވަނީ 50 އިންސައްތަ އާއި 80 އިންސައްތައާ ދެމެދުގެ އަދަދަކަށް ބޮޑުކޮށްފައެވެ.

ސަރުކާރުން ބުނީ މިކަމަށް ދައުލަތުގެ ބަޖެޓުން އަހަރަކު 488 މިލިއަން ރުފިޔާ އިތުރަށް ޚަރަދުވާނެކަމަށެވެ.

ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ސަރުކާރުން ބަދަލުގެނެސްފައިވާއިރު މިއީ ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނާއި ޓީޗަރުންނަށް ލިބޭނެ އިތުރު ހިތްވަރަކަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު މިގެންނެވި ބަދަލު ބަލައިގަންނާނެ ކަމަށް އުއްމީދުކުރަށްވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


9

ވާނުވާ

06-May-2022

ކޮން ދުވަހަކުންތޯ؟ ޔުނިވަރސިޓީން ހުރިހާ އެއްޗެއް ހުށަހަޅާފައި އޮއްވާ މުސާރަ ބޮޑު ނުކޮށް ކޮންމެ ފަހަރަކު ދަނީ. ވާނެ ނުކިޔައި ކުރައްވަންޏާ ކުރައްވަންވީ ނޫންތޯ؟