ހުޅަނގުގެ ގައުމުތަކުން ޔުކްރެއިނަށް ހަތިޔާރު ނުފޮނުވަން ރަޝިޔާގެ ރައީސް ވްލާޑިމިރް ޕޫޓިން އެދިވަޑައިގެންފިއެވެ.

ޕޫޓިން މިހެން ވިކަމަށް އެދިވަޑައިގެންފައިވަނީ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޯން އާއި ފޯނުން ގުޅުއްވާ ވާހަކަދައްކަވަމުންނެވެ.

ފްރާންސްގެ ރައީސް މެކްރޯން، ރަޝިޔާގެ ރައީސް ޕޫޓިންއަށް ފޯނުން ގުޅުއްވާފައިވަނީ ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ހުއްޓުވައިދިނުމަށް އެދިއެވެ. މެކްރޯންގެ ވާހަކަފުޅުގައި ޔުކްރެއިނުގެ އެކި ސިޓީ ތަކުގައި ހަމަލާތަކުގެ ސަބަބުން ތާށިވެފައިތިބި މީހުން އެސަރަހައްދުތައް ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ދިއުމުގެ މަގުފަހިކޮށްދިނުމަށް ޕޫޓިން އަރިހުން އެދިވަޑައިގެންފައިވެއެވެ.

ނަމަވެސް ޕޫޓިންގެ ވާހަކަފުޅުގައި ޔުކްރެއިނުގެ ސިފައިން، ހަނގުރާމަކުރުމުގެ ގަވާއިދާ ހިލާފަށް ރަޝިޔާގެ ސިފައިންނާއި، ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ ރަޝިޔާއަށް ސަޕޯޓު ކުރާ މީހުންނަަަށް ހަމަލާ ދެމުންދާކަމަށް ތުހުމަތުކުރެއްވިއެވެ. އެގޮތުން މިކަން ހުއްޓުވުމަށް ހުޅަނގުގެ ގައުމުތަކުން ޔުކްރެއިނަށް ހަތިޔާރު ނުފޮނުވަން ޕޫޓިން އެދިވަޑައިގެންނެވިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ދެގައުމުގެ އެތައް ހާސް ސިފައިންނެއް ވަނީ މަރުވެފައެވެ. އަދި މިހަމަލާތަކުގައި ޔުކްރެއިނުގެ އެތައް އާންމުންނެއް މަރުވެފައިވާއިރު، 5.5 މިލިއަނެއްހާ މީހުންވަނީ ޔުކްރެއިނު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ދަތުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން