ރައީސް އިބްރާހިމް މުހަައްމަދު ސޯލިހްގެ ސަރުކާރަށް ނުކުރެވޭ ކަންތައްތަކުގެ ވާހަކަ ދައްކައިގެން އިތުރުވާނެ ތާއިދެއް ނޯއްނާނެ ކަމަށް އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސް ކަމަށް ވާދަކުރައްވާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕޭނަށް ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރ. ދުވާފަރުގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސް ކަމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ސަރުކާރަށް ނުވާ ކަންތައްތަކުގެ ވާހަކަ ދައްކައިގެން އިތުރުވާނެ ތާއިދެއް ނޯންނާނެ ކަމަށާއި އަމިއްލަ ސަރުކާރަށް އެއްޗެހި ކިޔައިގެން ލިބޭނެ ކާމިޔާބެއް، އިތުރުވާނެ ތާއިދެއް ނެތް ކަމަށެވެ. އަދި އެއީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ. ސަރުކާރަށް ނުވާ ކަންތައްތަކުގެ ވާހަކަ ދައްކާނީ އިދިކޮޅު ޕީޕީއެމުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ސަރުކާރު ހިންގާ ޕާޓީގެ ހައިސިއްޔަތުން އަޅުގަނޑުމެން މިއަދު ކުރަންޖެހޭ ކަމަކީ ރައްޔިތުންގެހުރި ކަންބޮޑުވުންތަކަކީ ކޮބައިތޯ، ދާއިރާގެ ތިބި މެމްބަރުންނާއި މަޝްވަރާކޮށް ހޯދައިގެން އެކަންކަން ސަރުކާރު މެދުވެރިކޮށް ހައްލު ހޯދުން. ޕީޕިއެމުން ދައްކާނީ ސަރުކާރަށް ނުވެ ހުރި ކަންތައްތަކުގެ ވާހަކަ. ޕީޕިއެމުން ދައްކާނީ އަޅުގަނޑުމެންނަށް ކަމެއް ގޯސްކޮށް ކުރެވިއްޖެއްޔާ އެކަމުގެ ވާހަކަ. އަޅުގަނޑުމެން މިއީ އެ ވާހަކަ ދައްކަން ނެރެފައި ތިބި ބައެއް ނޫން. މިއީ ކަންކުރަން ސަރުކާރުން ހަވާލުކޮށްފައި ތިބި މީހުން." ރޮޒައިނާ ވިދާޅުވިއެެވެ.



ރޮޒައިނާ އެހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭންގައި ވާދަކުރަށްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޓީމުން ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި ވައުދުތައް ނުފުއްދޭ ކަމަށް ބުނެ ވާހަކަ ދައްކަމުން ގެންދާތީ އެކަމަަށް އިޝާރަތްކުރައްވަމުންނެެވެ.

މިޖަލްސާގައި ވާހަކަ ދައްކަަވަމުން ރޮޒައިނާ އިތުރަށް ވިދާޅުވީ ‏އެމްޑީޕީގެ އަންހެނުންގެ ރޫހަކީ ހަމައެކަނި މާލޭގައި އޮންނަން ޖެހޭ އެއްޗެއް ނޫން ކަމަށާއި އެ ޕާރޓީން އިތުރު އަންހެން ލީޑަރުން އުފައްދަން ޖެހޭ ކަަމަށެވެ. އަދި އިންތިހާބުތައް އަންނައިރު އަންހެން ވެރިން ތިބެން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"މިއަދު ވެރިކަމަށް އައިސްފައި އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ބަލާލިތޯ އެއްކަލަ އަންހެންވެރިން ކޮބައިތޯ؟ ނުބަލާ، ލިސްޓްތައް ހަދަ ހަދައިގެން ޕާޓީ އޮފީހުން ވަޒީފާ ދޭންވީ މީހުން ނަގައިގެން ގެންދިޔައިރު އެއްކަލަ މަސައްކަތުގައި އުޅުނު އަންހެންވެރިންގެ ވާހަކަ ދެއްކި މީހަކު އެބަހުރިތޯ؟ ނެތް، ކޮބައިތޯ މި ތިލަފަތުގެ ރަމްޒު." ރޮޒައިނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު