ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއެކު މަސައްކަތް ކުރަން ޕާޓީއަކަށް ވަންނަން ޖެހިއްޖެނަމަ އެކަން ކުރަން ތައްޔާރަށް ހުންނެވި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، އޭނާ މަގާމަށް އައްޔަންކުރީ ވަކި ޕާޓީއަކަށް ދިން ސޮލެޓެއްގައި ނޫން ކަމަށެވެ. އެހެން ނަމަވެސް ރައީސް ސާލިޙާއެކު މަސައްކަތް ކުރުމަށް ޕާޓީއަކަށް ވަންނަން ޖެހިއްޖެނަމަ އެކަން ކުރަން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ އިލެކްޝަން ކޮމިޝަންގެ ރައީސްކަން ކުރެއްވި ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ރައީސް ސާލިޙު އިތުރު ދައުރަކަށް ކުރިމަތިލައްވާނަމަ އެމަނިކުފާނަށް އިންތިޚާބު ކާމިޔާބުކޮށްދޭން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

"އެމްޑީޕީ ނުވަތަ އެހެން ޕާޓީ އަކަށް ވަދެގެންވެސް ރައީސް ސާލިޙުގެ އަރިހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްވާ ކަމަށްވައްޏާ އެކަން ވެސް އަޅުގަނޑު ކޮށްދޭނަން. މިހާރު މިހިރީ ވަރަށް ޖޯޝުގައި ރައީސް ސާލިޙުގެ އަރިހުގައި އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް މަސައްކަތް ކުރުމަށްޓަކައި." ކުރީގެ ރައީސް ޔާމިންގެ އަރިހުގައި މަސައްކަތް ކުރެއްވި ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރައްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް އޭނާގެ ތާއިދު އޮތްކަން ވެސް ރޭ ހާމަކުރައްވާފައެވެ. ފައްޔާޒަށް ކެމްޕޭން ކޮށްދެއްވައި އޭނާ މަގާމަށް އިންތިޚާބު ކޮށްދިނުމަށް މަސަައްކަތް ކުރަށްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު