-
-
ހުޅުމާލޭގައި މިރޭ ހިންގި ދެ މާރާމާރީއެއްގައި ދެ މީހަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ ހިންގި ފުރަތަމަ މާރާމާރީގެ މައުލޫމާތު ލިބުނީ 21:17 ހާއިރު ކަމަށެވެ. އެ ހާދިސާ ހިންގީ ކާނި މަގުގައި ހުންނަ "ލަޔާ ރެސްޓޯރެންޓް" ކައިރިންނެވެ.

އަދި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދާ ބްރިޖް ކައިރީގައި ހިންގި އިތުރު މާރާމާރީއެއްގެ ރިޕޯޓު ލިބުނީ 21:32 ހާއިރު ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިރޭ ހިންގި މާރާމާރީތަކުގައި އަނިޔާވި ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި، އެ މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

މި ފަހަކަށް އައިސް މާލޭގައި މިފަދަ މާރާމާރީތައް ހިންގުން ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. އެގޮތުން، މިދިޔަ ހޯމަ ދުވަހު ވެސް މާލޭގައި ދެ މާރާމާރީއެއް ހިންގާފައިވެއެވެ. އެ ދުވަހު ހިންގި ފުރަތަމަ މާރާމާރީ ހިންގާފައިވަނީ މާވެޔޮ މިސްކިތް ކައިރީގައެވެ.

ފަތިހު ހިންގި އެ މާރާމާރީގައި ދެ ދިވެއްސަކަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ. އެރޭ ހިންގި ދެވަނަ މާރާމާރީގައި ވެސް މީހަކަށްވަނީ އަނިޔާވެފައެވެ.

މިރޭ ހިންގި މާރާމާރީތަކާއި ގުޅިގެން ފުލުހުން މިހާރުވަނީ ހުޅުމާލޭގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. އެގޮތުން ބައެއް އެސްއޯ ފުލުހުންދަނީ ހިޔާ ފުލެޓުތަކުގައި ފޯރިމަރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު