އަހުމަދު މަސްނޫމް   5 މޭ 2022 - 23:11
ފަތުރުވެރިކަމާ ގުޅޭގޮތުން އދ.ގެ ޢާންމު މަޖިލީހުގައި ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ތަޤްރީރު ކުރެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާހް، އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ޝުކުރު އަދާކުރަށްވައިފިއެވެ.

"ޕުޓިންގ ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މި މަޢުޟޫއަށް އދގެ ޢާންމު މަޖިލީހުގައި ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމުޢިއްޔާ ޔޫ.އެން.ޑަބްލިއު.ޓީ.އޯ އާ ގުޅިގެން އދ.ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުالله ޝާހިދު އިންތިޒާމު ކުރެއްވި ބަހުސެކެވެ.



މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ރައީސް އަދި ރާއްޖޭގެ ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާހް މި ބަހުސްގައި ބައިވެރިވެވަޑައިގެންފައިވަނީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން، (އިފޮޕްކާ)ގެ ރައީސްގެ ހައިސިއްޔަތުންނެވެ.

މި ބަހުސްގައި ޖަނާހް ވަނީ ޢިމާރާތްކުރުމުގެ ސިނާއަތުގައި ޓެކްނޮލޮޖީ އިސްކުރުމާއި، ވޭސްޓް މަދުކުރުމަށް ގޮވާލައްވާފައެވެ. އަދި ފަތުރުވެރިކަމަކީ ރާއްޖޭގެ މައިގަނޑު ސިނާއަތަށް ވީކަމުގައި ވިއަސް ހުރިހައި ސިނާއަތެއް ގުޅިފައިވާގޮތެއްގައި އިޤްތިޞާދު ބިނާކުރުމުގެ މުހިންމުކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.



ޖަނާހު ކުރެއްވި ޓްވީޓެއްގައި ވަނީ މި ބަހުސްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދެއްވީތީ އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދަށް ޝުކުރު ދަންނަވާފައެވެ. މީގެއިތުރުން ޖަނާހު ވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއްވެސް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު