ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ
ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ
ގޭންގު ކުށްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އާންމުން އެހީތެރިކަން ނުދިނުމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ގޮވާލައްވައިފިއެވެ.

ރަމަޟާން މަހުގެ ތެރޭގައާއި ރަމަޟާން މަސް ނިމުނުފަހުން ވެސް މާލެ ތެރޭގައި ދަނީ ކޮންމެ ރެއަކުހެން މާރާމާރީ ހިންގަމުންނެވެ. އެ މާރާމާރީތަކުގައި ބައެއް މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދީފައި ވެސް ވެއެވެ.

އެގޮތުން، ރޭ ހުޅުމާލޭގައި ހިންގި ދެ މާރާމާރީއެއްގައި ބަޔަކު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ 12 ވަނަ ޓަވަރަށް ވަދެ ފިލަން މަސައްކަތްކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ ރޭ އެ ޓަވަރު ބަލައި ފާސްކޮށް ފަސްމީހަކު ހައްޔަރުކޮށްފައެވެ.

މި ކަންކަމާއި ގުޅިގެން މިނިސްޓަރު އިމްރާން ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވީ، އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުންނާއި ސިފައިން ކުރަމުންގެންދާ މަސައްކަތުގައި އެންމެންގެ އެހީތެރިކަންވެސް ބޭނުންވާ ކަމަށެވެ. އަދި މާރާމާރީތައް ހިންގުމަށްފަހު އެފަރާތްތައް ފިލުވައިދިނުމަށް އާންމުންގެ އެއްވެސް ފަރާތަކުން އެހީތެރިކަން ފޯރުކޮށް ނުދިނުމަށް އިމްރާން ވަނީ ގޮވާލައްވާފައެވެ.

"ގޭންގު ގުރޫޕުތައް މާރާމާރީތައް މި ހިންގަނީ. އަދި ކޮންމެ ބަޔަކު ކުރިއަސް އެމީހުން ފިލުވައިދީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށް ނުދިނުމަށް އަޅުގަނޑު ގޮވާލަން. މިކަން ހުއްޓުވަން ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ވާނީ އޮޕަރޭޝަންތަކަށް ނުކުމެފަ." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިފަދަ ކުށްކުރާ ފަރާތްތައް ހުއްޓުވައި މުޖުތަމައުގައި އުފެދިފައިވާ ބިރުވެރިކަން ނައްތާލުމަށް ފުލުހުންގެ އިސްވެރިންނާއެކު އެކިއެކި ބައްދަލުވުންތައް ބާއްވަމުން އަންނަ ކަމަށާއި، އެ ބައްދަލުވުންތަކުން ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.

މާލެއާއި ހުޅުމާލޭގައި ހިންގި މާރާމާރީތަކާއި ގުޅިގެން ފުލުހުން ވަނީ 6 މީހަކާއި 15 އަހަރުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު