ދިވެއްސަކަށްވީތީ ފަޚުރުވެރިވާ ކަމަށް ވިދާޅުވުމަށްފަހު އިނގިރޭސި ބަހުން ޓުވީޓް ކުރައްވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ރައީސް ޔާމީނަށް އަމާޒުވެއްޖެއެެވެ.

ޓުވީޓާ ބޭނުންކުރައްވަން ފެެއްޓެވުމަށްފަހު ގައުމީ ދިދައިގެ ފޮޓޯ އާއެކު އެންމެ ފުރަތަމަ ރައީސް ޔާމިން ކުރެއްވި ޓުވީޓްގައި ވިދާޅުވީ ދިވެއްސަކަށްވީތީ އެމަނިކުފާނު ފަޚުރުވެރިވެވަޑަައިގަންނަވާ ކަމަށެވެ. ރައީސް ޔާމިން ޓުވީޓާ ބޭނުންކުރައްވަން ފެއްޓުވުމަށްފަހު ގައުމުގެ އެކި ކަންކަމާއި ގުޅޭ ޚިޔާލުފުޅު ފާޅުކުރައްވާއިރު ދިވެހިންގެ އެންމެ ބޮޑު ފަޚުރު ކަމަށްވާ މާދަރީ ބަހުން ޓުވީޓް ކުރެއްވުމުގެ ބަދަލުގައި ޓުވީޓް ކުރައްވަނީ އިނގިރޭސި ބަހުންނެެވެ. އެމަނިކުފާނު އެންމެ ފަހުން ކުރެއްވި ދެ ޓްވީޓްގައިވެސް ބޭނުންކުރަށްވާފައިވަނީ ވަރަށް ބޮޑެތި މާނަފުން އިނގިރޭސި ބަސްތަކެެކެވެ.



ރައީސް ޔާމިން އާންމުކޮށް ބޭނުންނުކުރަށްވާ މާނަފުން އިނގިރޭސި ބަސްތަކުގެ ސަބަބުން އެމަނިކުފާނު ވިދާޅުވާން އުޅުއްވާ އެއްޗެއް ގިނަ ބަޔަކަށް ފަހުމެއް ނުވެއެވެ.

"ހަމައެކަނި އިންޑިއާ"ގެ ވިސްނުމަކީ މުޑުދާރު އަޅުވެތިކަމެއް ކަމަށް ވިދާޅުވެ އެމަނިކުފާނު އިނގިރޭސި ބަހުން މިއަދު ކުރެއްވި ޓުވީޓަށް ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއެވެ.



ރައީސް ޔާމިންގެ މެސެޖަށް ރައްދު ދިން މީހަކު ބުނީ ދިވެއްސަކަށްވީތީ އެމަނިކުފާނު ފަޚުރުވެރިވާހެން ހީނުވާ ކަމަށެެވެ. ރައީސް ޔާމިންގެ މެެސެޖަށް ރައްދު ދިން އިތުރު މީހަކު ބުނީ ދިވެއްސަކަށްވީތީ ފަޚުރުވެރިވާއިރު ދިވެހި ބަހުން ޓުވީޓް ކުރެއްވުން ރަނގަޅުވާނެ ކަމަށެވެ.



ރައީސް ޔާމިންގެ ޓުވީޓާއި ގުޅިގެން ޚިޔާލު ފާޅުކުރި މީހަކު ބުނީ އެމަނިކުފާނު ވިދާޅުވާން އުޅުއްވާ އެއްޗެއް ދިވެހިންނާއި ބިދޭސީންނަށް ވެސް ފަހުމު ކުރަން ދަތިވާނެ ކަމަށް ޔަގީންވާ ކަމަށެވެ. އަދި އާދައިގެ ލުއި ބަސްކޮށާރެއް ބޭނުންކުރައްވައި އާންމުންނަށް ފަސޭހައިން ދޭހަވާނެ ފަދައިން މެސެޖް ލިޔުއްވުމަށް އޭނާ ވަނީ ރައީސް ޔާމިންގެ އަރިހުން އެދިފައެވެ.

"ދިވެހިންނާއި މުޚާތަބު ކުރައްވާއިރު ދިވެހި ބަހަށް އިސްކަންދިނުން ރަނގަޅުވާނެ." ނޫކާޅު ނަމުގައި ރައީސް ޔާމިންގެ މެސެޖަށް ކޮމެންޓް ކުރި މީހާ ބުންޏެވެ.

ރައީސް ޔާމިންގެ މެސެޖަށް ރައްދު ދިން އިތުރު މީހަކު ބުނީ މާދަރީ ބަހުންނާއި އިނގިރޭސި ބަހުން މެސެޖް ޕޯސްޓް ކުރާނެނަމަ ވަރަށް ފުރިހަމަވާނެ ކަމަށެވެ. ބައެއް މީހުން ވަނީ މަޝްހޫރު ދޮހޮއްކޮބޭގެ ލަވައަކުން މިސާލު ޖަހަމުން، "ނޭގުނޭ ތި ވިދާޅުވި ބަހުގެ މާނައެއް" ކަމަށް ބުނެ ރައީސް ޔާމިނަށް ރައްދުދީފައެވެ.

ރައީސް ޔާމިން ބޭނުންކުރައްވާ އެ ބަސްތަކުގެ ބޮޑެތިކަމުންނާަި މައުނަފުން ކަމުން ޑިކްސަނަރީއެއް އޮތް ތާކުން ހޯދައި، އެ ބުނާ ބަސްތަކުގެ މާނަ ހޯދައިގެން ނޫނީ އެ ބުނާ އެއްޗެއް ފަހުމުނުވާހާ އެ ޓްވީޓްތައް އިނގިރޭސި ކަމަށް ޓްވިޓާގައި އެކަމަށް ފާޑުކިޔާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު