ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް، އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ބުނެ ފަތުރާ ވާހަކަތައް ސަރުކާރުން ދޮގުކުރައްވައިފިއެވެ.

ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް، އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަނީ ހަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ. އަދި މިފަދަ ދޮގު ޚަބަރުތަކަކީ ދިވެހީންގެ ދީނީ އެއްބައިވަންތަކަމާއި، މުޖުތަމަޢުގެ ހަމަޖެހުން ގެއްލި ދިވެހިންގެ ތެރޭގައި ފިތުނަފަސާދަ އުފެދި ބައިބައިވުމަށް މަގުފަހިވާނޭ އަމަލުތަކެއްކަމަށް މިނިސްޓްރީން ބުނެއެވެ.

އެހެންކަމުން ދިވެހިންގެ ދީނީ ލޯތްބާއި ދީނަށްޓަކައި އޮންނަ ޤުރުބާނީގެ ރޫޙް ނަހަމަގޮތުގައި ބޭނުންކޮށް، ސިޔާސީ ބޭނުމަށް ހިންގާ މިބާވަތުގެ އަމަލުތައް ކުށްވެރިކޮށް އެފަދަ އަމަލުތައް ހުއްޓައިލުމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

ހެރިޓޭޖް މިނިސްޓްރީން ބުނީ އިންޑިއާ ސަރުކާރުގެ މާލީ އެހީގައި މި ދާއިރާއިން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި، ތ. ދިޔަމިގިލީ ގަނޑުވަރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ނ. ލަންދޫ މާބަދިގެ (ހަތްކަ) ނުވަތަ މާބުދުގެ ސަރަޙައްދުގައި ދާރުލްއާސާރަކާއެކު ހެރިޓޭޖް ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތްކަމަށެވެ. އަދި އިންޑިއާގެ ހިލޭ އެހީގައި މާލޭ ހުކުރު މިސްކިތް އާބާތުރަ ފިލުވައި ގިނަދުވަހަށް ރައްކާތެރިކުރުމަށް 23 މިލިއަން ރުފިޔާގެ މަޝްރޫއެއް މިހާރު ދަނީ ހިންގަމުންނެވެ.

އިންޑިއާގެ އެހީގައި ކުރެވުނު އެހެން މަސައްކަތްތަކުގެ ތެރޭގައި އިންޑިއާގެ އެހީގައި 2001 ވަނަ އަހަރު އދ. ފެންފުށީ އާސާރީ މިސްކިތުގެ އަދި 2004 ވަނަ އަހަރު މާލޭ ދަރުމަވަންތަ މިސްކިތުގެ އާބާތުރަ ފިލުވައި ގިނަދުވަހަށް ރައްކާތެރިކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން މިހާރު މި ދާއިރާއިން ކުރިއަށްދާ މުހިއްމު މަޝްރޫޢުތަކުގެ ތެރޭގައި، ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީއާ ގުޅިގެން އާކޭޑިއާ ފަންޑުގެ މާލީ އެހީގައި ރާއްޖޭގެ މާއްދީ ސަގާފީ ތަރިކަ ޒަމާނީ ފެންވަރަށް ކިތާބުކޮށް، ތްރީ ޑީ ސްކޭންކޮށް، އާސާރީ ސަރަޙައްދުތައް ޖިއޯޓެގް ކުރުމުގެ މަސައްކަތާއި، ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ވޯލްޑް މޮނިއުމަންޓް ފަންޑްގެ އެހީގައި ކުރެވޭ މަސައްކަތް ހިމެނެއެވެ.

ނ. ލަންދޫ މާބަދިގެ ސަރަޙައްދުގެ ފޮޓޯ ބޭނުންކޮށްގެން އެ ސަރަޙައްދުގައި ހުރިކަމަށް ބެލެވޭ ބުދު ދީނުގެ އާސާރުތައް އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވީނަމަވެސް، އެ ސަރަޙައްދުގައި ހިންގަން ރާވާފައިވާ މަޝްރޫޢުގައި ހިމެނެނީ ދާރުލްއާސާރެއް ބިނާކުރުމާއި، ހެރިޓޭޖް ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތްކަމަށް މިނިސްޓްރީން ބުންޏެވެ. މި މަޝްރޫޢަކީ ދިވެހި ސަރުކާރުން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލަކަށް ބިނާކޮށް އިންޑިއާ ސަރުކާރުން ލިބިފައިވާ 4 މިލިއަން ރުފިޔާގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެއްކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް މަރާމާތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހީންނަށް މިނިސްޓްރީން ވަނީ ދީފައެވެ. އަދި ހެރިޓޭޖުން ހިންގާ އެކިއެކި މަޝްރޫޢުތައް އަބަދުވެސް ކުރިއަށް ގެންދަނީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާ އޭގެ ރޫޙާ އެއްގޮތަށްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު