ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަންޑުކުރި ބަޔަކު ހޯދަން ތަހުގީގު ފުޅާކުރަންޖެހޭ ކަމަށް ހަމަލާގެ ކަންކަން ބެލުމަށް ސަރުކާރުން އައްޔަންކުރި މަންދޫބު، އައްބާސް ފާއިޒް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރުމާއި ގުޅިގެން އައްބާސް ފާއިޒު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހަަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ހަމަލާއަށް ފަންޑުކުރި މީހުން ހޯދުމަކީ ތަހުގީގުގެ މުހިންމު ބައެއް ކަމަށާއި އެކަމަށްޓަކައި ތަހުގީގު އިތުރަށް ފުޅާ ކުރަންޖެހޭ ކަމަށް އައްބާސް ވިދާޅުވިއެވެެ. އެގޮތުން ފުލުހުންގެ މަސައްކަތް އިތުރަށް ވަރުގަދަކޮށް، ތަފްސީލީ އަދި ފަރުވާތެރި ތަހުގީގެއް ހިންގަންޖެހޭ ކަމަށް އައްބާސް ވިދާޅުވިއެވެ.





އޭނާ ވިދާޅުވީ އެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި ފައިސާ ހޭދަކުރި ގޮތް ބެލުމަށް ފުލުހުން ތަހުގީގު ހިންގީ ބައިނަލްއަގްވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތަށް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އަމަލީ ގޮތުން ހަމަލާ ދިނުމުގައި ބައިވެރިވި މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް އައްބާސް ނެރުއްވި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

އައްބާސް ވިދާޅުވީ ހަމަލާގެ ތަހުގީގުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެއްބާރުލުން ވެސް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ފުލުހުންނަށް ލިބެމުންދާ ކަމަށެވެ. އަދި ކުށް ސާބިތުވާ މިންވަރުގެ ހެކި ލިބިފައިވޭތޯ ޕީޖީ އޮފީހުން ވަރަށް ރަނގަޅަށް ބަލައި، ކަށަވަރު ކުރަމުންދާ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ޝަރީއަތްތައް ލަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުން އައްބާސް ވަނީ ފާޅު ކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމާ މެދު އޮންނަ އިތުބާރާ މެދު ސުވާލު އުފެދޭނެ ކަމަށާއި އެހެންވެ، އެކަންކަން އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އައްބާސް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ހަދާފައިވާ ބޮމެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ހަމަލާދިނީ ހުސްވި އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އެހަމަލާގައި ރައީސް ނަޝީދު ވަރަށް ބޮޑަށް ޒަޚަމްވެވަޑައިގަތެވެ.



ކިޔުންތެރިންގެ ހިޔާލު