މި ސަރުކާރުން ތަރައްގީކުރާ އައު ސިއްހީ މަރުކަޒުތަކުން ކުރިން ނުލިބޭ ގިނަ ހިދުމަތްތަކެއް ލިބޭނެކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ ރަށްރަށުގައި އަލަށް އިމާރާތް ކުރާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ކުރިން ނުލިބޭ ގިނަ ޚިދުމަތްތައް ލިބިގެންދާނެކަމަށެވެ. އަދި އަލަށް އިމާރަތްކުރާ ހުރިހާ ހެލްތު ސެންޓަރުތައްވެސް އިމާރާތްކޮށް ޚިދުމަތް ދެމުން އަންނާނީ ދުނިޔޭގެ ސިއްހީ ނިޒާމްގެ މިންގަނޑުތަކަށް ފައްތައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ އަލަށް ޤާއިމްކުރާ ސިއްހީ މަރުކަޒުތަކުގައި ސޯލަރ ހަރުކުރާނެކަމަށާއި ޓާޝަރީ ހޮސްޕިޓަލްތަކުގައިވެސް 300 ކިލޯވޮޓްގެ ސޯލަރ ހުންނާނެކަމަށެވެ. އަދި ރަށްރަށުގައި ސިއްޙީ މަރުކަޒުތައް އިމާރަތް ކުރުމަށް ހަމަޖެހިފައިވަނީ 2045 ވަނަ އަހަރު އަންނައިރުވެސް އިމާރާތަށް އިތުރު ބަދަލުނުގެނެސް ވާނެ ގޮތަކަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ސަރުކާރުން ސިއްޙީ ދާއިރާއަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން އަތޮޅުތެރޭގައި ސިއްހީ ޚިދުމަތްތައް ފުޅާކޮށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރުވެސް ކުވައިތް ފަންޑްގެ އެހީގައި 30 އެނދުގެ ހޮސްޕިޓަލްތައް އިމާރާތްކުރަން ވަނީ ބީލަމަށް ހުޅުވާލާފައެވެ. އަދި ސިއްހީ މަރުކަޒުތަކަށާއި ހޮސްޕިޓަލްތަކަށް އިތުރުކުރަން ޖެހޭ 17 މަޝްރޫއެއްގެ ތެރެއިން 8 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު