ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ޝަރީއަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ކޯޓުން ހާމަކުރަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ރޭ ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ޝަރީއަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ދޭންޖެހޭ ކަމަށެވެ. އެމައްސަލައިގެ ޝަރީއަތް އަވަސް ކުރުމަކީ ކޯޓުން ކުރަންޖެހޭ ކަމެއް ކަމަށް ހަސަން ވިދާޅުވިއެވެ. ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ހަދައި އެތާވަލް ކޯޓުން އާންމުކޮށް އިއުލާން ކުރަންޖެހޭ ކަމަށް ހަސަން ވިދާޅުވިއެވެ.

"އެއީ މިކަހަލަ މައްސަލައެއްގައި ވަރަށް މުހިންމު ކަމެއް، މިމައްސަލަ ގޮސް ނިމޭނީ ކިހާ ހިސާބެއްގައި ކަމާއި އަދި މެދުތެރެއިން ކުރަންޖެހޭނެ ކަންކަމަކީ ކޮބައިކަން އެނގުމަކީ ވަރަށް ބޭނުންތެރިކަމެއް، ރައީސް ނަޝީދުގެ ލޯޔަރުންގެ ފަރާތުން އެ ވިދާޅުވާ ވާހަކަ އަކީ ޝެޑިއުލެއް ނެތީމާ އޭގެ ދަތިކަން ފޯރާ ކަމުގެ ވާހަކަ. ޝަރީއަތުގެ މައްސަލަތަައް އަވަސް ކުރުމަށް ކޯޓުން އެކަން ކޮށްދޭންޖެހޭ." ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން ހެދި އިންކްއަރީގައި ވެސް ހިމެނިވަޑައިގެންނެވި ހަސަން ވިދާޅުވިއެވެެ.

ހަސަން މިހެން ވިދާޅުވެފައިވާއިރު ހަމަލާގެ ކަންކަން ބެލުމަށް ސަރުކާރުން އައްޔަންކުރި މަންދޫބު، އައްބާސް ފާއިޒް ވެސް ވަނީ އެ މައްސަލައިގެ ޝަރީއަތް ލަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމާ މެދު އޮންނަ އިތުބާރާ މެދު ސުވާލު އުފެދޭނެ ކަމަށާއި އެހެންވެ، އެކަންކަން އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އައްބާސް އިއްޔެ ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އައިއީޑީ އެއް ގޮއްވާލައިގެން ދިން ޓެރަރިސްޓް ހަމަލާގައި އައިއީޑީ ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެެ. އަދުހަމަކީ ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިން ބޮން ގޮއްވާލި މީހާ އެެވެ.

ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން ނުވަ މީހެއްގެ މައްޗަށް ދަޢުވާ އުފުލައި އެމައްސަލަ ކްރިމިނަލް ކޯޓަށް ވަނީ ހުށައަޅާފައެވެ. އެއީ ވ. ތިނަދޫ ހިޔާ އަދުހަމް އަހުމަދު ރަޝީދާއި، ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކާއި، ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް އާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްއާއި، މއ. ފޭރުގޭ މުޖާޒް އަހްމަދާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި، ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީއާއި، އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމްއާއި، މ. ކުދެހިގެ އިޝްހާގުގެ މައްޗަށެވެ.



ކިޔުންތެރިންގެ ހިޔާލު