ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގި އިންކުއަރީއަށްފަހު ސަރުކާރަށް އެރުވި ހުރިހާ ރެކޮމެންޑޭޝަންތަކަށް ސަރުކާރުން އަމަލު ކުރަމުންދާ ކަމަށް އެކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަަކަ ދައްކަަވަމުން ކުރީގެ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގި އިންކުއަރީގެ މުގައްރިރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެ އިންކްއަރީ އަށްފަހު ސަރުކާރަށް އެރުވި 45 ރެކޮމެންޑޭޝަންގެ ތެރެއިން އަމަލީ މަސައްކަތް ނުފެށޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ރެކޮމެންޑޭޝަންތައް ތަންފީޒުކޮށް ނިމިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރެކޮމެންޑޭޝަން ތަކަށް އަމަލު ނުކުރުމުގެ ނިޔަތެއް ރައީސް ސާލިޙާއި ސަރުކާރުން ވެސް ނުގެންގުޅުއްވާ ކަމަށެވެ. އެގޮތުން ވަކި އިދާރާއަކުން އެކަން ވިލަރެސްކޮށްގެން ރައީސް އޮފީސް ތެރެއިން މަސައްކަތް ކުރައްވާނީ އެކަން ނުކުރުމުގެ ޚިޔާލެއް ސަރުކާރުން ނުގެންގުޅޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްވެސް ގޮތަކަށް ސަރުކާރުން މިކަން ނުކުރަނީއޭ ނުވަތަ ފަހަތު ފަޔަށް ބުރަވަނީއޭ އަޅުގަނޑަށް ދެންނެވޭކަން ނެތް. އެފަދަ ގޮތަކަށް ސަރުކާރުން އެކަން ކުރައްވާ ކަމުގައި ވަނީނަމަ އަޅުގަނޑު ހަމަ އެއްވެސް ޖެހިލުމެއް ނެތި އެވާހަކަ ދަންނަވާނަން. ސަރުކާރުން މަސައްކަތްތަކެއް އެބަކުރޭ." އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ، މަޖިލީހުން ފޮނުވި ބައެއް ރެކޮމެންޑޭޝަން ތަކަށް އަމަލުކޮށް ނިމިފައިވާކަން މިހާރު އަންގާފައިވާ ކަމަށާއި، އެކަން މެއި 6 ކޮމެޓީން ބަލާނެ ކަމަށެެވެ. އަދި އެ ކޮމެޓީގެ ރެކޮމެންޑޭޝަންތަކުގެ މަސައްކަތް ގޮސްފައި އޮތް ހިސާބެއް ބަލާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެމަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާގައި އަޅުގަނޑު ކުރިއަށް ގެންދާނަން ކޮމެޓީގެ މެމްބަރުންގެ މަޝްވަރާގެ މަތިން." އަަސްލަމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު