ސަރުކާރުން ފަށާފައިވާ ސަބްމެރިން ކޭބަލްގެ މަޝްރޫއު ނިމުމުން ރާއްޖޭގެ އިންޓަނެޓް ކެޕޭސިޓީ އިތުރުވެ، އިންޓަނެޓްގެ އަގު ހެޔޮވާނެކަމަށް އިކޮނޮމިކް މިނިސްްޓަރ ފައްޔާޟް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވަޢުދާއެއްގޮތަށް އިންޓަރނެޓްގެ ޚިދުމަތް ރަނގަޅުކޮށް އަގުހެޔޮކުރުމަށްޓަކާ ސަރުކާރު ހިއްސާވާ ސަބްމެރިން ކޭބަލެއް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖޭގައި ދޭ މޮބައިލް ނެޓްވޯކްގެ ޚިދުމަތާއި އިންޓަނެޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އިންޓަރނެޓްގެ އަގު ހެއު ކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން އެ ޚިދުމަތްތައް ދެމުން ގެންދާ އުރީދޫއާއި ދިރާގުން ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އަގުހެއު ކުރި ކަމަށް ބުނި ނަމަވެސް އެފަދަ ފާހަގަވާ ވަރުގެ ބަދަލެއް ހަމައެކަނި ފެނިފައި ވަނީ ހޯމް ބްރޯޑްބޭންޑް އިންޓަރނެޓްގެ ޚިދުމަތުންނެވެ. އަގު ހެއުކުރަނީ ކަމަށްބުނެ ދިރާގާއި އުރީދޫން މޮބައިލް އިންޓަރނެޓްގެ ޕެކޭޖްތަކަށް ބަދަލު ތަކެއް ގެނައި ނަމަވެސް މޮބައިލް އިންޓަރނެޓް ސްޕީޑާއި ޑޭޓާގެ އަގުން ފާހަގަވާ ވަރުގެ މިންވަރެއް ހެވެއް ނުވެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ފައްޔާޟް ވިދާޅުވީ އިންފޯމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. އަދި ހިދުމަތްތައް އޮންލައިންކުރަމުންދާއިރު، އިންޓަރނެޓްގެ އަގާއި ކޮލިޓީ ރަނގަޅުވާންޖެހޭކަމަށް ފައްޔާޟް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިންޓަނެޓް ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް ސަބްމެރިން ކޭބަލްގެ މަސައްކަތް ކުރަމުންދާއިރު، 2023 ވަނަ އަހަރުގެ ފަހުކޮޅު އެ ކޭބަލުން ހިދުމަތް ދޭން ފެށޭވަރުވާނޭކަމަށެވެ.

"އޭރަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ އޮންލައިން އިންޓަނެޓް އިންޑަސްޓްރީއަށް. އަދި އޭގެތެރެއިން އަޅުގަނޑުމެންނަށް އެބަ ފެނޭ އަޅުގަނޑުމެންނަށް ބޭރުން ރާއްޖެއަށް ފައިސާ ގެނެވޭނެ ގޮތްތަކެއް. އޭގެ މާނައަކީ އެ ކޭބަލް މެދުވެރިކޮށް އިންޓަނެޓްގެ އެ ކެޕޭސިޓީ ބޭރުގެ ފަރާތްތަކަށް ވިއްކުމަށް އަދި ޑޭޓާ ސެންޓަރުތައް ރާއްޖެއަށް އެޓްރެކްޓްކޮށްގެން ރާއްޖެއަށް އިތުރު އިޤްތިސާދެއް އުފެއްދޭނެ." ފައްޔާޟް ވިދާޅުވިއެވެ.



ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް "މޯލްޑިވްސް-އައިއޭއެކްސް ސަބްސީ ކޭބަލް" އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. ސަރުކާރުން ރާއްޖޭގައި އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ.



ކިޔުންތެރިންގެ ހިޔާލު