އިންޑިއާ ސިފައިން ބޭރުކުރަން ދިވެހި ވަތަނުގެ ހައްގުގައި ތެދުވަން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ލީޑަރު، ރައީސް އަބްދު ﷲ ޔާމީން ގޮވާލައްވައިފިއެވެ.

ވަތަނުގެ ހައްގުގައި ތެދުވުމަށް ރައީސް ޔާމިން ގޮވާލެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ޔާމިން ޓްވިޓަރގައި ހަރަކާތްތެރިވެވަޑައި ގަންނަވަން ފެއްޓެވީ މިމަހުއެވެ. އަދި ކޮންމެ ދުވަހަކު ވެސް ތަފާތު ކަންކަމަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ޓްވީޓްކުރައްވައެވެ.

ރައީސް ޔާމީން މިއަދު ކުރެއްވި ޓްވީޓް ފެއްޓެވީވެސް "ބޫޓްސް އައުޓް، މިލިޓަރީ އައުޓް، އިންޑިއާ އައުޓް" މި މި އިބާރާތުންނެވެ.

އިނގިރޭސިބަހުގެ ފަށުވި އިބާރާތްތަކާއި، މުއްސަނދި އަދަބިއްޔާތުގެ ބޭނުންކުރައްވައިގެން ކުރެއްވި ޓްވީޓުގައި ދެން ގޮވާލެއްވީ ވަފާތެރިކަމާއެކު ހިދުމަތް ކުރަމުންގެންދާ ފަރާތްތައް ގައުމަށްޓަކައި ތެދުވުމަށެވެ. އަދި ވަތަނަށްޓަކައި ކޮށްފައިވާ ހުވާ އައު ކުރަންވެސް ރައީސް ޔާމީންގެ ޓްވީޓްގައި ގޮވާލެއްވިއެވެ.



ބެލެވޭ ގޮތުގައި މި ޓްވީޓަކީ ސަލާމަތީ ހިދުމަތްތަކުގެ މެމްބަރުންނަށް އަމާޒުކޮށް ރައީސް ޔާމީން ކުރެއްވި ޓްވީޓެކެވެ. ހާއްސަކޮށް ދިވެހި އަސްކަރިއްޔާގެ ސިފައިންނަށް އަމާޒުކޮށް ކުރެއްވި ޓްވީޓެއްކަމަށް ބެލެވޭނެ އިބާރާތްތައް ހިމެނެއެވެ.

ކުރީގެ ޓްވީޓްތަކާ ޚިލާފަށް މިފަހަރުގެ ޓްވީޓުގައި ވިދާޅުވާ އެއްޗެއް ގިނަ ބަޔަކަށް ފަހުމްވާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މީގެކުރިން ރައީސް ޔާމިން ކުރެއްވި 2 ޓްވީޓެއްގައި ވިދާޅުވި އެއްޗެއް ފަހުމް ނުވެގެން އެ ޓްވީޓްތަކަށް ސިޔާސީ ބޭފުޅުންނަށް އަދިވެސް ރައްދު ދެވޭ ގޮތެއް ނުވެއެވެ. ގިނަ ބަޔަކު ބުނާގޮތުން ރައީސް ޔާމިން އިނގިރޭސިބަހުން ކުރައްވާ ޓްވީޓްތަކަކީ ވަރަށް މާނަ ފުން ޓްވީޓްތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު