ފިތުނަކުރަން އުޅުނަސް އެކަމެއް ނުވާނެ ކަމަށާއި، އަދި ސިޔާސީ ސްޓަންޓް ޖައްސަން ނޫޅުއްވުމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަށް ގޮވާލައްވައިފިއެވެ.

މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު މިކަމަށް ގޮވާލެއްވީ މުސާރައިގެ މައްސަލައިގައި ލެކްޗަރާއިން މިއަދު ކުރި މުޒާހަރާއާއި ގުޅިގެން ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ދެއްކެވި ވާހަަކަ ތަކަކަށް ރައްދު ދެއްވަމުންނެވެ. ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރިކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އިޢުލާން ކުރެއްވި ފަހުން އާދަމް ޝަރީފު ގެންދަވަނީ އެކަމާއި ގުޅުވައިގެން ރައްޔިތުންގެ ހިތުގައި ސުވާލު އުފެދޭފަދަ މައްސަލަތައް ނަންގަވައިގެން މީސް މީޑިއާގައި ތަފާތު ވާހަކަތައް ދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ މި ސަރުކާރަށް އެއްވެސް ބަޔަކު އިތުބާރު ނުކުރާ ސަބަބަކީ ސަރުކާރުން ދައްކާ ވާހަކައާއި އަމަލާ ދިމާނުވުން ކަމަށެވެ. ލެކްޗަރާއިންގެ ކަންބޮޑުވުންތަކާއެކު ފޮނުވާ ސިޓީއަށް ސަރުކާރުން ޖަވާބުދޭން ޖެހޭނެ ކަމަށާއި އެމީހުން އިހްތިޖާޖަށް ނުކުތުމަކީ ކުޑަ ކަމެއް ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އާދަމް ޝަރީފް ދެއްކެވި މި ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވީ ފިތުނަ ކުރަން އުޅުނަސް އެކަން ނުވާނެ ކަަމަށާއި ޔުނިވަސިޓީ ތަކުގައި ތިއްބަވަނީ ތަންދޮރު ނުދަންނަ ބޭފުޅުން ނޫން ކަމަށެވެ.



"ސަރުކާރުން އެހާ ސާފުކޮށް ޖަވާބު ދީފައި އޮތް ކަމެއް ހިނގާނެކަން އެބޭފުޅުން ގަބޫލުކުރައްވާ، ސިޔާސީ ސްޓަންޓް ޖައްސަން ނޫޅޭ." ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ރައްދު ދެއްވަމުން ނިހާދު ވިދާޅުވިއެވެ.

މުސާރަ ބޮޑުކުރުމަށް ގޮވާލާ ލެކްޗަރާއިން އިޙްތިޖާޖު ކޮށްފައިވާއިރު މީގެ ކުރިން "ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ގައުމީ ޔުނިވަރސިޓީތަކުގެ ލެކްޗަރާއިންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި އެކަން ކުރަންޖެހޭނީ ޔުނިވަރސިޓީގެ ކައުންސިލްގެ ލަފާގެ މަތިންކަމަށެވެ. އަދި އެކަން އެގޮތަށް ކުރިއަށްދާނޭކަމަށް އޮފިޝަލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު